1

އީސާގެފާނާއި ބެހޭގޮތުން ލޫކާސް ތިޔޯފިލުސްއަށް ލިޔުއްވި ސިޓީފުޅު

އިއްޒަތްތެރި ތިޔޯފިލުސްގެ އަރިހަށް އަހަރުމެންގެ ތެރޭގައި އީސާގެފާނާމެދު ކަންތައްތައް ހިނގާމިދިޔަ ގޮތުގެ ވާހަކަ ފުރިހަމަޔަށް ލިޔެ ބަޔާން ކުރެވޭތޯ އެތައް ބަޔަކުވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ މިކަންތައްތައް ހިނގާދިޔަގޮތް ފެށުނީއްސުރެން ނިމެންދެން ލޮލުންދުށް މީހުން އެ ޚަބަރުތައް ފެތުރުމަށް މަސައްކަތް ކުރިއެވެ އެހެންކަމުން މިކަންތައްތައް ހިނގާދިޔަގޮތުގެ ވާހަކަ ލިޔާ މީހުން އެވާހަކަތައް އެލިޔަނީ އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުންދުށް މީހުން ދިން ހެކިތަކާއި އެއްގޮތަށެވެ އަޅުގަނޑު ވެސް މިކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ހޯދާ ބަލައިފީމެވެ ވީމާ މިހުރިހާ ކަމެއް ހިނގާދިޔަގޮތް ތަރުތީބުން ލިޔެ ތިޔަބޭފުޅާގެ ފަރާތްޕުޅަށް ފޮނުވުން އެއީ އަޅުގަނޑު ދެކެނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ ތިޔަބޭފުޅާއަށް އީސާގެފާނާއިމެދު އިވިވަޑައިގެންފައިވާ ޚަބަރުތަކުގެ ތެދު ދޮގު ތިޔަބޭފުޅާއަށް ވެސް އޭރުން ސާބިތުވެ އެނގި ވަޑައިގަންނަވާނެއެވެ

ޔަހުޔާގެފާނު އުފަންވުމާއި މެދު އެންގެވުނު ވަޙީ ބަސްފުޅު

ޖުދެއާ ކަރައިގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައި ޒަކަރިއްޔާއޭ ކިޔުނު އިމާމަކު އުޅުނެވެ އޭނާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ އިމާމު ހާރޫނުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ ހާރޫނުގެފާނުގެ ދަރިކޮޅުގެ އެންމެންނަކީ ވެސް އިމާމުންނެވެ ޒަކަރިއްޔާ އަކީ އެދަރިކޮޅުގެ އަބިޖާހު ވަންހައިގެ މީހެކެވެ ޒަކަރިއްޔާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރިކަމާއިއެކު އެކަންތައްތައް އަދާކުރަމުންދާ ބަޔެކެވެ އެދެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެން ވިއެވެ މިދެމަފިރިންނަށް ދުވަހަކު ވެސް ދަރިއަކު ނުލިބެއެވެ އެއީ އެލިޒަބަތު އަކީ ކުދިން ނުލިބޭ އަންހެނެކެވެ އަދި މިހާރު އެމީހުން ވަނީ އުމުރުން ދުވަސްވެ މުސްކުޅިވެފައެވެ

އެއްފަހަރަކު ޒަކަރިއްޔާގެ ބައިގެ އިމާމުން ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ކުރާ އަޅުކަންތަކުގެ އިމާމުކަން ކުރުމާއި ހަވާލުވިއެވެ އާދަވެގެން އިމާމުން ކަންތައް ކުރާ އާދަކާދައިގެ މަތިން އެދުވަހު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ އެތެރެއަށް ވަނުމަށާއި އެތާނގައި މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް އިމާމަކު ހޮވުމަށް ގުރުއަތުލިއެވެ މި ގުރުއަތުން އެ ދުވަހު އެކަންތައްތައް ކުރުމަށް ހޮވުނީ ޒަކަރިއްޔާއެވެ އެދުވަހު އިމާމު ޒަކަރިއްޔާ ބައިތުލް މަޤްދިސްގެ އެތެރޭގައި މީރުވަސްދުވާ އެއްޗެތިން ދުންއަޅަމުން ދިޔައެވެ އެއިރު ބައިތުލް މަޤްދިސްގެ ގޯތިތެރެއަށް އަޅުކަމަށް އެއްވެތިބި އެންމެން ދުޢާކުރަމުން ދިޔައެވެ

ބައިތުލް މަޤްދިސްގެ ތެރޭގައި ވާ މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް ޚާއްސަ ކޮށްފައިވާ އަށީގެ ކައިރީގައި ޒަކަރިއްޔާ ވަނިކޮށް އެތާގެ ކަނާއަތް ފަރާތުގައި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަނިކޮށް ޒަކަރިއްޔާއަށް ފެނުނެވެ އެމަލާއިކަތާ ފެނުމުން ޒަކަރިއްޔާ ސިއްސައިގެން ގޮސް ބިރުން ތުރުތުރު އަޅަން ފެށިއެވެ ނަމަވެސް މިމަލާއިކަތާ ވިދާޅުވިއެވެ ޒަކަރިއްޔާ ބިރު ނުގަނޭ މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ ކަލޭ އެދަރިފުޅަށް ޔަހުޔާއޭ ކިޔާ ނަންދީ ކަލެއަށް އެދަރިފުޅުގެ ސަބަބުން އުފަލާއި ހިތްހަމަޖެހުން ލިބޭނެ އަދި އޭނާ މިދުނިޔެއަށް އައުމުގެ ސަބަބުން އެތައް ބަޔަކުވެސް އުފާ ކުރާނެ އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަ މީހަކު ކަމުގައި ވާނެ އޭނާ އެއްގޮތަކަށްވެސް މޭބިސްކަދުރުން ނުވަތަ އެހެން އެއްޗަކުން ވިޔަސް ހަދާފައިވާ މަސްތުވާ ފަދަ ބުއިމެއް ބޮއިގެން ނުވާނެ އަދި އޭނާ އުފަންވުމުގެ ކުރިން ފެށިގެން އޭނާ ވާނީ މާތްރޫހުފުޅުން ފުރިފަ އޭނާ ހުރިހާ ކަމެއް ވެސް ކުރާނީ މާތްރަސްކަލާނގެ ބާރުފުޅުގެ ދަށުން އޭނާ ބަނީއިސްރާއީލުގެ އެތައްބަޔަކު އެބައިމީހުންގެ މަތިވެރިކަލާނގެ ކިބަފުޅަށް އަނބުރުއްވާނެ އޭނާ އިލިޔާސްގެފާނާއި އެއްފަދައިން މާތްރޫހުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކާ ބަނީއިސްރާއީލުގެ މީސްތަކުން ތައްޔާރު ކުރައްވާނެ އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަން ނުވާ މީހުން ސާލިހުކަމުގެ މަގަށް އަނބުރުއްވާނެ

ޒަކަރިއްޔާ މިމަލާއިކަތާ ކުރެން ސުވާލު ކުރިއެވެ ތިޔަކަން ތިޔަ ވިދާޅުވި ފަދައިން ވާނެކަން އަޅުގަނޑު ޔަޤީންކޮށް ޤަބޫލުކުރާނީ ކިހިނަކުން އަޅުގަނޑު މިވަނީ މިހާރު މުސްކުޅިވެފަ އަދި އަޅުގަނޑުގެ އަންހެނުންނަކީ ވެސް އުމުރުން ދުވަސްވެފައިވާ އަންހެނެއް

މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ އަހަރެން މިއީ ޖިބުރީލު އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޒުރަތުން އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް މިބުނި ހުރިހާކަމެއް އަހަރެން މިބުނި ފަދައިން އެކަމުގެ ވަގުތުޖެހުމުން ވާނެ މިއަދުން ފެށިގެން ކަލެއަށް މިދަރިފުޅު ލިބެންދެން ކަލެއަކަށް ވާހަކައެއް ނުދެއްކޭނެ އެއީ ކަލޭ އަހަރެން މިބުނި ވާހަކަތައް ޤަބޫލު ނުކުރުމުން

ބޭރުގައި ތިބި މީސްތަކުން ޒަކަރިއްޔާ ނުނުކުމެ އެތެރޭގައި އެހާ އެލަސް ވަނީ ކީއްވެ ބާވައޭ ހިތަށް އެރިއެވެ ޒަކަރިއްޔާ ނުކުތްއިރު އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ އޭނާގެ އަތުން ކުރާ އިޝާރާތްތަކުން އެބައިމީހުންނަށް އެނގުނީ އޭނާ އެތެރޭގައި ވަނިކޮށް މާތްރަސްކަލާނގެ އޭނާއަށް ވަޙީފުޅެއް ފޮނުއްވައިފިކަމެވެ ނަމަވެސް އޭނާއަށް ވާހަކަ ނުދެއްކޭ ކަމުން މިވާހަކަތައް އެހެން މީހުންނަކަށް ކިޔައެއް ނުދެވުނެވެ

ޒަކަރިއްޔާ އިމާމެއްގެ ގޮތުން ކުރަން އައި ކަންތައްތަކުން ނިމިގެން އެނބުރި އޭނާގެ ރަށަށް ދިޔައެވެ މިއަށްފަހު އޭނާގެ އަންހެނުން އެލިޒަބަތު ބަލިވެ އިނެވެ ދެން އެއަށްފަހު ފަސް މަސް ދުވަސް ވަންދެން އެލިޒަބަތު އެއްގޮތަކަށް ވެސް މީހުންގެ ތެރެއަކަށް ނުނިކުމެއެވެ އެލިޒަބަތު ބުންޏެވެ އަހަރެންނަށް މިފަދައިން ހިންމަވައި ދެއްވެވީ މަތިވެރި މާތްރަސްކަލާނގެ މާތްރަސްކަލާނގެ އެކަލާނގެ ރަހުމަތްފުޅުން އަހަރެންނަށް ރަހުމަތް ލެއްވި އަދި މިއަދު މީސްތަކުންގެ މަލާމާތުން އަހަރެން ސަލާމަތް ކުރައްވައިފި

މާތްރަސްކަލާނގެ މަރިޔަމްގެފާނަށް އެންމެ މަތިވެރި ޚަބަރުފުޅު ދެއްވުން

އެލިޒަބަތު ބަލިވެއިންތާ ހަވަނަމަހުގައި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތާ ޖިބުރީލުގެފާނު ވަޙީފުޅަކައިގެން ގަލީލީ ކަރައިގައި ވާ ނާޒަރަތުއޭ ކިޔުނު ރަށަށް ފޮނުއްވިއެވެ މިމަލާއިކަތާ ވަޑައިގެންނެވީ އެރަށުގެ ޒުވާން ބިކުރުވެރި އަންހެން ކުއްޖަކު ކަމުގައި ވީ މަރިޔަމުގެފާނުގެ އަރިހަށެވެ އޭރު މަރިޔަމުގެފާނު ވަނީ ޔޫސުފު އޭ ނަމަކަށް ކިޔުނު މީހަކާއި ކައިވެނިކުރުމަށް ހަމަޖެހިފައެވެ މިޔޫސުފަކީ ދާއޫދުގެފާނުންގެ ދަރިކޮޅުގެ މީހެކެވެ މިމަލާއިކަތާ މަރިޔަމުގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ މަރިޔަމުގެފާނު މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފި މަތިވެރި ރަސްކަލާނގެ ވޮޑިގެން ވަނީ ކަނބުލޭގެފާނާއި އެކުގަ އެކަލާނގެ ކަނބުލޭގެފާނަށް އެހީތެރިވެ ވޮޑިގެން ވާނެ މަރިޔަމުގެފާނަށް މި ބަސްފުޅުތަކުގެ މާނަ ވިސްނި ވަޑައިނުގަތް ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ

ފަހެ މަލާއިކަތާ ވިދާޅުވިއެވެ މަރިޔަމުގެފާނު ބިރުފުޅުގެން ވަޑައިނުގަނޭ މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ރުހިވޮޑިގެންވޭ ކަނބުލޭގެފާނު ވަރަށްއަވަހަށް އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކައިގެން ރައްކާވާނެ އެދަރިކަލުންނަށް އީސާގެފާނޭ ކިޔާ ނަން ދެއްވަވާ އެކަލޭގެފާނީ މަތިވެރިވެގެންވާ ބޭކަލަކު ކަމުގައި ވާނެ މާތްރަސްކަލާނގެ އެކަލޭގެފާނުގެ ލަޤަބުފުޅެއް ކަމުގައި އެންމެމަތިވެރި ރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު ލައްވާނެ މާތް ސާހިބުވަންތަ ރަސްކަލާނގެ އެދަރިކަލުންގެ ކާބަފައިކަލުން ދާއޫދުގެފާނު ފަދައިން އެކަލޭގެފާނު ރަސްކަލަކު ކަމުގައި ލައްވަވާނެ އެކަލޭގެފާނީ އަބަދަށްޓަކާ ބަނީއިސްރާއީލުގެ މައްޗަށް ރަސްކަންކުރައްވާ ރަސްކަލަކު ކަމުގައި ވާނެ އެކަލޭގެފާނުގެ ރަސްކަމަށް ދުވަހަކުވެސް ނިމުމެއްނުވާނެ

މަރިޔަމުގެފާނު މި މަލާއިކަތާއަށް ދެންނެވިއެވެ ތިޔަވިދާޅުވި ހުރިހާ ކަންތައްތައް ވާނީ ކިހިނަކުން ތޯ އަޅުގަނޑު އަދި މީހަކާވެސް ނީންނަން އަޅުގަނޑަކީ އަދި ބިކުރުވެރި އަންހެނަކީން

މަލާއިކަތާ ވިދާޅުވިއެވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫހުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ އެންމެ މަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު ކަނބުލޭގެފާނުގެ ތިމާގެމީހެއް ކަމަށް ވާ އެލިޒަބަތަކީ ދުވަހަކުވެސް ކުއްޖަކު ނުލިބޭނެ މީހަކުކަމުގައި މީހުން ހީކުރި ނަމަވެސް އެލިޒަބަތު ބަލިވެ އިނދެ މިހާރު މިއީ ހަމަސް އޭނާ އާއި އޭނާގެ ފިރިމީހާ ޒަކަރިއްޔާ އަކީ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހުން ކަމުގައި ވިޔަސް މާތްރަސްކަލާނގެ ރަހުމަތްފުޅުން މިހާރު އެމީހުންނަށް ކުއްޖަކު ލިބެން އެވަނީ ކައިރިވެފަ ފަހެ ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަ ވެ ވޮޑިގެން ވާ ކަންތައްތައް

މަރިޔަމުގެފާނު ވިދާޅުވިއެވެ އަޅުގަނޑަކީ މަތިވެރި މާތްރަސްކަލާނގެ އަޅަކީން އަޅުގަނޑާއި ދޭތެރޭ ތިޔަވިދާޅުވި ކަންތައްތައް ތިޔަފަދައިން ހިންމަވާ ފާނދޭވެ ދެން މިއަށްފަހު ޖިބުރީލުގެފާނު އެނބުރި ވަޑައިގެންނެވިއެވެ

މަރިޔަމުގެފާނު އެލިޒަބަތުގެ ގެއަށް ކުރެއްވި ޒިޔާރަތްފުޅު

އެއަށްފަހު ދެތިން ދުވަސް ވެސްނުވެ މަރިޔަމުގެފާނު އެލިޒަބަތުއާއި ޒަކަރިއްޔާ އުޅޭ ޖުދެއާ ކަރައިގެ ފަރުބަދަތަކުގެ ހިސާބު ރަށަށް ވަޑައިގަތުމަށްޓަކާ ދަތުރު ފެއްޓެވިއެވެ މަރިޔަމުގެފާނު އެމީހުންގެ ގެއަށް ވަޑައިގަންނަވާ ސަލާން ގޮވާލެއްވިއެވެ އެލިޒަބަތަށް މަރިޔަމުގެފާނުގެ ސަލާމުގެ އަޑު އިވުމާއިއެކު އޭނާގެ ބަނޑުގައި ވީ ދަރިފުޅު ވަރަށް ބާރަށް ތޮޅެލިއެވެ އަދި އެވަގުތު އެލިޒަބަތު މާތްރޫހުފުޅުގެ ބާރުފުޅުން ފުރިގެން ދިޔައެވެ އެލިޒަބަތު އުފަލުން ފުރިފައިވާ އަޑަކުން ބުންޏެވެ ހުރިހާ އަންހެނުންގެ ތެރެއިން ކަލެއަށް ރަހުމަތް ލެއްވިގެން ވޭ އަދި ކަލެއަށް ލިބޭނެ ދަރިފުޅަކީ ރަހުމަތް ލެއްވިގެން ވާނޭ ކުއްޖެއް އަހަރެންގެ މާތްސާހިބާގެ މަންމާފުޅު އަހަރެންގެ ކައިރިއަށް ޒިޔާރަތް ކުރާފަދަ ޝަރަފެއް އަހަންނަށް މިލިބުނީ ކީއްވެބާ ކަލޭގެ ސަލާމުގެ އަޑު އިވުމާއިއެކު އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅު އުފަލުން ތޮޅެންފެށި މާތްރަސްކަލާނގެ އެމީހަކާއި މެދު ހިންމަވާނޭކަމަށް އެންގެވި ކަންތައްތައް ޤަބޫލުކުރާ މީހަކަށް ރަހުމަތް ލެއްވިގެން ވޭ

މަރިޔަމުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ކިއުއްވި ހަމްދާ ސަނާ

ދެން މަރިޔަމުގެފާނު ވިދާޅުވިއެވެ މާތްރަސްކަލާނގެއީ މަތިވެރިވެ ވޮޑިގެންވާ ކަލާނގެ ކަމަށް މިއަޅާގެ ހިތާއި ފުރާނައިން ހެކިވަން އެކަލާނގެއީ މިއަޅާ ދިންނައްވާ މިއަޅާއަށް އެހީތެރިވެ ވޮޑިގެންވާ ކަލާނގެ މިއަޅާގެ ފުރާނައާއި ރޫހުން އެކަލާނގެ ކިބަފުޅަށް އުފާކޮށް ހަމްދުކުރަން އެކަލާނގެ މިނިކަމެތި އަޅާގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ރަހުމަތްލައްވާފި އެކަމުގެ ސަބަބުން އަންނަން އޮތް ޒަމާންތަކުގެ މީހުން މި އަޅާއަކީ ބަރަކާތް ލެއްވިގެންވާ މީހެކޭ ބުނާނެ އެންމެމަތިވެރިކަލާނގެ މިއަޅާއަށްޓަކާ މިމަތިވެރި ކަންތައްތައް ހިންމަވައި ދެއްވި އެކަލާނގެއީ ކީރިތިވަންތަ ކަލާނގެ މާތްރަސްކަލާނގެ މިއަޅާ މެދުވެރިކޮށް ދުނިޔެއަށް މިފޮނުއްވާ ނިޢުމަތުގެ ސަބަބުން އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ހުރުމަތްތެރިކޮށް ހިތާ މީހުންގެ ދަރިދަރިކޮޅަށް ވެސް އެކަލާނގެ ރަހުމަތްފުޅު ލެއްވިގެން ވާނެ އަދި މިނިޢުމަތް މެދުވެރިކޮށް އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާނެ އަދި ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ވާ މީހުން ވިއްސި ވިހާލި ކޮށްލައްވާނެ ރަސްރަސްކަލުން ތަޚުތުކޮޅުތަކުން ބާލުއްވާ އާދައިގެ ނިކަމެތިން އެކަލާނގެ އިއްޒަތްތެރި ކުރައްވާނެ މި ނިޢުމަތުގެ ސަބަބުން މާތްރަސްކަލާނގެ ހާލުގައި ޖެހިފައިވާ މީހުންނަށް ނިޢުމަތް ލައްވާ އަދި މުއްސަނދިން ހުސް އަތާ ފޮނުވާލައްވާނެ އަހަރުމެންގެ ކާބަފައިކަލުން އިބުރާހީމުގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅު އެކަލާނގެ އެ ގެންދަވަނީ ފުރިހަމަ ކުރައްވަމުން އިބުރާހީމުގެފާނުގެ ދަރިކޮޅުގެ މީސްތަކުން ކަމުގައިވާ ބަނީއިސްރާއީލުގެ މީހުންނަށް އެކަލާނގެ އެހީތެރިވެވޮޑިގަންނަވާ އަދި އެމީހުންނަށް އެކަލާނގެ އަބަދުގެއަބަދަށް ރަހުމަތް ލައްވާނެ މަރިޔަމުގެފާނު އެލިޒަބަތުގެ ކައިރީގައި ތިންމަހެއްހާދުވަހު ހުންނެވުމަށް ފަހު އެނބުރި ނާޒަރަތުއަށް ވަޑައިގެންނެވިއެވެ

ޔަހުޔާގެފާނު ދުނިޔެއަށް ވަޑައިގަތުން

އެލިޒަބަތު ދުވަސްފުރާ ފިރިހެން ކުއްޖަކު ވިހެއެވެ އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ

އެމީހުންގެ އާދަކާދަތަކާއި އެއްގޮތުގެ މަތިން އަށްދުވަސްވީ ދުވަހު އެމީހުން ކުއްޖާ ހިތާނު ކުރުމަށާ ނަންދިނުމަށްޓަކާ އައެވެ އެމީހުން އެލިޒަބަތު ކުރެން އެހިއެވެ މިކުއްޖާގެ ނަމަކީ ޒަކަރިއްޔާ ދޯ އެލިޒަބަތު ބުންޏެވެ ނޫނޭ އޭނާއަށް ކިޔާނީ ޔަހުޔާ

އެމީހުން ބުންޏެވެ އެކަމަކު ކަލޭގެ މުޅި އާއިލާގައި ވެސް ތިޔަނަން ކިޔާ މީހަކު ނެތެއް ނު

ދެން މިމީހުން އަތުގެ އިޝާރާތުން ޒަކަރިއްޔާ ކުރެން އޭނާގެ ދަރިފުޅަށް ކިޔާނީ ކޮން ނަމެއް ތޯ ސުވާލުކުރިއެވެ ޒަކަރިއްޔާ ލިޔާނެ އެއްޗެއް ގެނައުމަށް އިޝާރާތްކުރިއެވެ އެގެނައުމުން އޭނާ މިފަދައިން އޭގައި ލިޔުނެވެ މިކުއްޖާގެ ނަމަކީ ޔަހުޔާ އެންމެން މިކަމާ ވަރަށް އަޖައިބުވިއެވެ ހަމަ އެވަގުތު ޒަކަރިއްޔާގެ އަޑު ނުކުމެ ދޫހެލި ވާހަކަދެކެވެން ފެށިއެވެ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް ވާހަކަދެއްކިއެވެ އެލިޒަބަތު އާއި ޒަކަރިއްޔާގެ އަވަށްޓެރިން މިކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ހައިރާންވެ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ އަދި ޖުދެއާ ކަރައިގެ ފަރުބަދަތަކު ހިސާބުގެ ހުރިހާ ރަށެއްގައި މި ވެދިޔަ ކަންތައްތަކުގެ ވާހަކަ ދެކެވުނެވެ މިވާހަކަތައް އިވުނު ކޮންމެމީހަކުމެ މިކަންތަކާ މެދު ވިސްނިއެވެ އެމީހުން ބުނެއުޅުނެވެ މިކުއްޖާ ވާނީ ކޮންފަދަ މީހަކަށް ބާ އެމީހުން މިހެން ބުނީ އެއީ އެކުއްޖާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ ބާރުފުޅު ލެއްވިގެން ވާކަން އެމީހުންނަށް ޔަޤީން ކުރެވޭތީއެވެ

ޒަކަރިއްޔާ މާތްރަސްކަލާނގެ ކިބަފުޅަށް ކީ ހަމްދާ ސަނާ

ޔަހުޔާގެފާނުގެ ބައްޕާފުޅު ޒަކަރިއްޔާ ވަނީ މާތްރޫހުފުޅުން ފުރިފައެވެ އެހެންކަމުން އޭނާ މާތްރަސްކަލާނގެ އެންގެވި ވަޙީގެ މި ބަސްފުޅުތައް މިފަދައިން ހާމަކުރިއެވެ ބަނީއިސްރާއީލުންގެ މާތް ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ހުރި އެކަލާނގެ އެކަލާނގެ މީސްތަކުން ދިންނެވުމަށް ފައްޓަވައިފި މާތްރަސްކަލާނގެ މަތިވެރި ކުރެއްވި ރަސްގެފާނު ދާއޫދުގެފާނުގެ ދަރިކޮޅުން އަހަރުމެން ދިންނެވުމަށްޓަކާ މަތިވެރި ބޭކަލަކު ދުނިޔެއަށް އެބަފޮނުއްވާ އެއީ އެކަލާނގެ އެތައް ޒަމާނެއްގެ ކުރިން ރަސޫލުބޭކަލުން މެދުވެރިކޮށް ކުރައްވާފައިވާ ވަޢުދުފުޅާ އެއް ގޮތްވާ ގޮތުގެ މަތިން އެކަލޭގެފާނު އަހަރުމެންގެ ދުޝްމިނުންނާއި އަހަރުމެން ދެކެ ރުޅިއަންނަ މީހުންގެ ކިބައިން އަހަރުމެން ސަލާމަތްކުރައްވާނެ މާތްރަސްކަލާނގެ މިކަލޭގެފާނު އެފޮނުއްވަނީ އަހަރުމެންގެ ކާބަފައިކަލުން އިބުރާހީމުގެފާނުގެ ދަރިކޮޅުގެ އެންމެންނަށް ރަހުމަތެއްގެ ގޮތުގަ އެއީ އެކަލާނގެ އިބުރާހީމުގެފާނަށް ވަޙީ ކުރައްވާފައިވާ ވަޢުދުފުޅާއި އެއްގޮތްވާ ގޮތުގެ މަތިން މާތްރަސްކަލާނގެ އިބުރާހީމުގެފާނަށް ވަޢުދުފުޅުވެ ވަޑައިގެންނެވީ އަހަރުމެން އަހަރުމެންގެ އެއަދާވަތްތެރިންގެ ކިބައިން ސަލާމަތްކުރައްވާނެ ކަމުގަ އޭރުން އަހަރުމެން އެއަދާވަތްތެރިންނަށް ބިރުގަންނާކަށް ނުޖެހޭނެ އަދި އޭރުން އަހަރުމެންގެ މުޅި އުމުރުމެ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރުމުގައާއި ސާލިހު ކަންމަތީ ދެމިތިބެވޭނެ އެއަށްފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ މަގޭ ދަރިފުޅާ ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކާ މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ އެކަލާނގެ މީސްތަކުންނަށް އެމީހުންގެ ފާފަތަކުން މިންޖު ވެވޭނޭ ގޮތް އަންގާދިނުމަށް ފޮނުއްވި ރަސޫލާ މަތިވެރި މާތްރަސްކަލާނގެ އެފަދައިން ކަންކުރެއްވީ އެކަލާނގެ އަހަރެމެންގެ މައްޗަށް ހަމްދަރުދީވެ ވޮޑިގެން ވާތީ މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން އަހަރުމެންގެ ތެރެއަށް ވިދާ ބަބުޅާ އައްޔެއް ފަދައިން ފޮނުއްވާނެ އެ އަލީގެ ސަބަބުން ބިރާއި އަނދިރީގެ ތެރޭގައި ވާ މީހުންނަށް އަލިކަން ލިބި ތެދުމަގު ފެންނާނެ އަދި އަހަރުމެންގެ ފިޔަވަޅުތައް އަމާންކަމުގެ މަގަށް އެނބުރޭނެ

ދުވަސްތައް ވޭތިވެ ޔަހުޔާގެފާނު ބޮޑުފުޅުވިއެވެ މާތްރޫހުފުޅު ޔަހުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުގަންނައި ދެއްވިއެވެ ޔަހުޔާގެފާނު ބޮޑުފުޅު ވުމަށްފަހު އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެތެރޭގައި ފާޅުގައި މާތް ރަސްކަލާނގެ އާއި ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ

2

އީސާގެފާނު ދުނިޔެއަށް ވަޑައިގަތުން

ޔަހުޔާގެފާނުންގެ އުމުރުފުޅުން ގާތްގަނޑަކަށް ހަމަހުގައި އޭރު ރޫމު ކަރައިގެ ރަސްކަލަކަށް ހުންނެވި ކައިސަރު އައުގުސްތު އަމުރުފުޅެއް ނެރުއްވިއެވެ އެ އަމުރުފުޅަކީ ރޫމުގެ ދައުލަތުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އެންމެން އެމީހެއްގެ ކާބަފައިންގެ ރަށަށް ގޮސް ސަރުކާރުގެ ބޯހިމެނުމުގައި ނަން ނޯޓު ކުރުމަށެވެ ފުރަތަމަ ފަހަރަށް މިބޯހިމެނުން ހިމެނުނީ ސީރިޔާގެ ގަވަރުނަރަކަށް ކިރީނިޔުސް ހުންނެވި ދުވަސްވަރުއެވެ

އެހެންކަމުން ޔޫސުފު ވެސް ގަލީލީގައި ވާ ނާޒަރަތު އޭ ކިޔުނު ރަށުން ދަތުރުކޮށް ޖުދެއާގެ ރަށެއް ކަމުގައިވާ ބަތުލަހަމަށް ދިޔައެވެ ޔޫސުފުއަށް އެރަށަށް ދާން ޖެހުނު ސަބަބަކީ އޭނާއަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކަށް ވާތީއެވެ މިރަށަކީ ދާއޫދުގެފާނު ވެސް އުފަންވި ރަށެވެ އޭނާ އެރަށަށް ދިޔައީ އޭނާއާއި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މަރިޔަމުގެފާނާއި އެކުގައެވެ މަރިޔަމުގެފާނު އޭރު އިންނެވީ އާލާސްވެއެވެ އެކަނބުލޭގެފާނާއި ޔޫސުފު ބަތުލަހަމުގައި ވަނިކޮށް ރައްކާވުމުގެ ވޭންފުޅުތައް އެކަމަނާއަށް އިހުސާސް ކުރެއްވެން ފެއްޓެވިއެވެ އެމީހުންނަށް އެރަށުގެ މެހްމާނު ގެއިން ޖާގައެއް ނުލިބުމުން ޔޫސުފު މަރިޔަމުގެފާނު ގޮވައިގެން ދިޔައީ ގެރިބަކަރި ތަކަށްޓަކާ ހަދާފައިވާ ހަރު ގެއަކަށެވެ އެތާގައި މަރިޔަމުގެފާނު އެކަމަނާގެ އަލަތު ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ އެކަމަނާ އެތުއްޕުޅު ކަލޭގެފާނުގެ ގައިކޮޅު ފޮތިކޮޅަކުން ނިވާކޮށްލައްވާ ގެރިބަކަރިއަށް ކާންދޭ ހުއި އަޅާފައިވާ ފޮށިގަނޑެއްގެ ތެރޭގައި ބޭއްވެވިއެވެ

ހުއިހައްޕާ މީހުންގެ ބަޔަކު

ހުއިހައްޕާ މީހުންގެ ބަޔަކު އެރޭ އެތާގެ ކައިރީގައި ވާ ބިމެއްގައި އެބައިމީހުންގެ ކަންބަޅިތައް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނެވެ މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތަކު އެބައިމީހުންގެ ކައިރިއަށް ފޮނުއްވިއެވެ އެވަގުތު އެމީހުންގެ ވަށައިގެން މަތިވެރި މާތްރަސްކަލާނގެ ނޫރުފުޅު ވިދަން ފެށިއެވެ އެބައިމީހުން މިތަން ދެކެ ވަރަށް ބޮޑަށް ބިރުގަތެވެ މިމަލާއިކަތާ ވިދާޅުވިއެވެ ބިރުނުގަނޭ އަހަރެން މިއައީ ކަލޭމެންނަށް ރަނގަޅު އުފާވެރި ޚަބަރަކާއިގެން އެޚަބަރެއްގެ ސަބަބުން އެންމެން އުފާ ކުރާނޭ ޚަބަރަކައިގެން ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީހާ ކަމުގައިވާ މާތްސާހިބާ ގެރިބަކަރި އެއްޗިއްސަށް ކާންދޭ ހުއި އަޅާ ފޮއްޓެއްގެ ތެރޭ ފޮތިކޮޅަކުން ނިވާ ކުރެވިފައިވާ ކުޑަފިރިހެން ކުއްޖަކު ތިޔަބައިމީހުންނަށް ފެންނާނެ އެކަލޭގެފާނު ތިޔަބައިމީހުންނަށް ފާހަގަވާނެ ހެއްކަކީ އެއީ

އެހިނދު އިތުރު އެތައް ބައިވަރު މަލާއިކަތުންނެއް އެބައިމީހުންގެ ކުރިމައްޗަށް ފާޅުވިއެވެ ދެން އެމަލާއިކަތުން މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދު ކޮށް ސަނާ ކިޔެވެ މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްހަ އަމާންކަމުގެ މަގު ދެއްވާނެ

މިމަލާއިކަތުން އުޑަށް އެނބުރި ވަޑައިގެން ހިނދު މިހުއިހައްޕާ މީހުން އެކަކު އަނެކަކަށް ބުންޏެވެ ބަތުލަހަމުގައި ހިނގައިދިޔަ ކަންތައްތައް މަތިވެރި މާތްރަސްކަލާނގެ އަހަރުމެންނަށް ފާޅު ކުރައްވަވައިފި ވީމާ މިކަންތައްތައް ހޯދާ ބެލުމަށް އެރަށަށް ދަމާ ހިނގާ

މިބައިމީހުން އަވަސް އަވަހަށް އެރަށަށް ގޮސް މަރިޔަމުގެފާނާއި ޔޫސުފު ހޯދިއެވެ އަދި އެ ތުއްޕުޅު ކަލޭގެފާނު ގެރި ބަކަރިއަށް ކާންދޭ ހުއިއަޅާފައިވާ ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނެވެ އެބައިމީހުންނަށް އީސާގެފާނު ފެނުމުން މަލާއިކަތުން މިތުއްޕުޅު ކަލޭގެފާނާއި މެދު ދެއްވި ޚަބަރުތަކުގެ ވާހަކަ މީސްތަކުންނަށް ކިޔާދިނެވެ މިވާހަކައިގެ އަޑުއެހި ކޮންމެމީހަކު މިކަމާމެދު ވަރަށް ބޮޑަށް ހައިރާންވެ އަޖައިބު ވިއެވެ ނަމަވެސް މަރިޔަމުގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ މި ހުއިހައްޕާ މީހުން އެމީހުންނަށް މިފެނުނު ކަންތަކާއި އަދި މަލާއިކަތުން ވިދާޅުވިގޮތުގެ މަތިން ހުރިހާ ކަމެއް ވީތަން ދެކެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން އެބައިމީހުންގެ މަސައްކަތަށް އެނބުރި ހިނގައްޖެއެވެ

މާތްރަސްކަލާނގެ ކިބަފުޅަށް ރައްދުކުރުމަށްޓަކާ އީސާގެފާނު ބައިތުލް މަޤްދިސްއަށް ގެންދެވުން

މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައި ވަނީ ކޮންމެ ފިރިހެން ކުއްޖަކުވެސް ދުނިޔެއަށް އަންނަތާ އަށްވަނައަށް ވާދުވަހު ހިތާނު ކުރުމަށެވެ އެގޮތުން އީސާގެފާނު ދުނިޔެއަށް ވަޑައިގަތްތާ އަށްވަނަ ދުވަހު އެކަލޭގެފާނު ވެސް ހިތާނު ކުރެއްވުނެވެ އެދުވަހު އެކަލޭގެފާނަށް ނަންވެސް ދެއްވުނެވެ އެކަލޭގެފާނަށް ދެއްވުނު ނަންފުޅަކީ އެކަލޭގެފާނު އުފަންވުމުގެ ކުރިން ޖިބުރީލުގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ދެއްވާފައިވާ ނަންފުޅު ކަމުގައި ވީ އީސާ މިނަންފުޅެވެ

މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ތައުރާތުގައި އަންގަވާފައި ވަނީ ވިހެއުމުގެ ކަންތަކުން ނިމިގެން ކޮންމެ އަންހެނަކުވެސް ހިނާ ތާހިރުވުމުގެ ގޮތުން ހުދު ކޮތަރުގެ ޅަ ދެ ކޮތަރު އެކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންކުރުމަށެވެ ޔޫސުފު އާއި މަރިޔަމުގެފާނު ވެސް މިކަންތައްތައް ކުރުމަށް ބައިތުލް މަޤްދިސްއަށް ވަޑައިގެންނެވިއެވެ މިދަތުރުގައި އެމީހުންނާއި އެކު އީސާގެފާނު ވެސް ގެންދެވިއެވެ އެއީ މާތްރަސްކަލާނގެ އަންގަވާފައި ވަނީ ކޮންމެ މީހެއްގެ ވެސް ފުރަތަމަ ފިރިހެން ދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ރައްދުކުރުމަށްޓަކާ ބައިތުލް މަޤްދިސްއަށް ގެންދިޔުމަށެވެ

އެދުވަސްވަރު ސިމިޔާނު އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ އޭނާ ހުރީ ބަނީއިސްރާއީލުގެ މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ މާތްރޫހުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ މާތްރޫހުފުޅު އޭނާއަށް ހާމަކޮށްދެއްވީ މާތްރަސްކަލާނގެ ފޮނުއްވާނެ ޚާއްސަ ބޭކަލުން ކަމުގައި ވީ އަލްމަސީހާ ނުދެކި އޭނާ މަރުނުވާނޭ ކަމުގައެވެ މާތްރޫހުފުޅު އޭނާއަށް އެންގެވުމުން އޭނާ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރެއަށް ދިޔައެވެ އެވަގުތަކީ އީސާގެފާނުގެ މައިންބަފައިން މާތްރަސްކަލާނގެ ކުރައްވާފައިވާ އަމުރުފުޅުތަކާއި އެއްގޮތަށް ކަންތައްތައް ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކާ އީސާގެފާނު ބައިތުލް މަޤްދިސްއަށް ގެންދެވި ވަގުތެވެ ސިމިޔާނު ގޮސް މަރިޔަމްގެފާނުގެ އަތްޕުޅުގައި ވީ އީސާގެފާނު އުރާލެއްވިއެވެ އަދި މިފަދައިން ކިޔާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރިއެވެ

މާތްރަސްކަލާކޯ އިބަސުވާމީންގެ ވަޢުދުފުޅު ކުރެއްވި ފަދައިން މިއަޅާއަށް މިހާރު ސަލާމަތްކަމާއި ހިތްހަމަޖެހުމާއި އެކު މިދުނިޔެ ދޫކޮށް ދެވިދާނެ މިއަދު މިއަޅާގެ ލޮލަށް އިބަސުވާމީންގެ ދެއްވާ ދިންނެވުމުގެ މަގު ދައްކަވައިފި އެމަގަކީ އިބަސުވާމީންގެ އެންމެހައި ޤައުމުތަކުގެ މީސްތަކުންނަށް ހާމަކުރައްވާ ދެއްވާނެ ދިންނެވުމުގެ މަގު އިބަސުވާމީންގެ ޚާއްސަ ކުރައްވާފައިވާ ކަލޭގެފާނު ކަމުގައިވާ އަލްމަސީހު މެދުވެރިކޮށް ދުނިޔޭގެ ޤައުމުތަކުގެ މީސްތަކުންނަށް އިބަސުވާމީންގެއަކީ ކޮބައިކަން ހާމަ ކުރައްވާނެ އަލްމަސީހުގެ ސަބަބުން ބަނީއިސްރާއީލުގެ މީހުންނަށް އިބަސުވާމީންގެ މަތިވެރިކަން ފެންނާނެ

މަރިޔަމުގެފާނާއި ޔޫސުފު އީސާގެފާނާއި މެދު ބުނެވިމިދިޔަ ބަސްތަކުގެ ސަބަބުން ވަރަށް ބޮޑަށް ހައިރާންވިއެވެ ދެން ސިމިޔާނު އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ އަދި މަރިޔަމުގެފާނަށް ބުންޏެވެ މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ އަދި އެގޮތުން އެމީހުންގެ ހިތުގެ އަޑީގެ ސިއްރުތައް ފާޅުވާނެ އަދި މިދަރިފުޅާއި މެދު ކަންތައްތައް ވާ ގޮތުގެ ސަބަބުން ކަމަނާގެ އަމިއްލަ ހިތަށް ވެސް ތޫނު ކަނޑިއެއް ހެރިގެން ދާނެ ފަދަ ހިތާމައެއް ލިބޭނެ

މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވުމަށް ވާ ޚާއްސަ ޚަބަރުފުޅަކައިގެން ވީ ބޭކަނބަލަކު އެތާގައި ވިއެވެ އޭނާއަކީ އަޝޭރުގެ ދަރިކޮޅުން އައި ފަނުއިލުގެ އަންހެން ދަރި އަންނާއެވެ މީނާއަކީ މިހާރު ވަރަށް މުސްކުޅިވެފައިވާ މީހެކެވެ އޭނާ މީހަކާ އިނދެ ހަތް އަހަރު ވެފައި ވަނިކޮށް އޭނާގެ ފިރިމީހާ މަރުވިއެވެ މިހާރު އޭނާގެ އުމުރަކީ އަށްޑިހަ ހަތަރު އަހަރެވެ އޭނާ އޭނާގެ ފިރިމީހާ މަރުވީއްސުރެ ހުވަފަތް އަންހެނެއްގެ ގޮތުގައި އޭނާ ހުއްޓެވެ އޭނާ ރެއާއި ދުވާލު ހޭދަކުރަނީ ބައިތުލް މަޤްދިސްގައި ދުޢާކޮށް ރޯދަހިފާ އަޅުކަން ކުރުން މަތީގައެވެ އެވަގުތު މީނާ ވެސް އެމީހުންގެ ކައިރިއަށް އައެވެ އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރިއެވެ އަދި ބަނީއިސްރާއީލު މިނިވަންވާނެ ދުވަހަކަށް އޭނާއާއި އެއްފަދައިން އިންތިޒާރުކޮށްގެން ތިބި އެހެން އެންމެންގެ ކައިރީ މިދަރިފުޅަކީ އެމީހުން ދިންނަވާ ސަލާމަތްކުރައްވާނެ ފަރާތްކަމަށް ބުންޏެވެ

މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައިވާ ފަދައިން މަރިޔަމުގެފާނއާއި ޔޫސުފު ބައިތުލް މަޤްދިސްގައި ކުރަންޖެހޭ ހުރިހާ ކަމަކުން ނިމިގެން އެމީހުންގެ އަމިއްލަ ރަށް ކަމުގައިވާ ގަލީލީ ގެ ނާޒަރަތުއަށް އެނބުރި ދިޔައެވެ އެރަށުގައި އީސާގެފާނު ފުރިހަމަ ސިއްޚަތާއި އެކު ބޮޑުފުޅުވަމުން ދިޔައެވެ އެކަލޭގެފާނީ ބުއްދިވެރި ހިކުމަތްތެރި ހިތްހެޔޮ ކުއްޖަކު ކަމުގައި ވިއެވެ އަދި މާތްރަސްކަލާނގެ ރުހުންފުޅާއި ރަހުމަތް އެކަލޭގެފާނަށް ލިބިވޮޑިގެން ވިއެވެ

ތުއްޕުޅު އީސާގެފާނާއި ދީނުގެ ދަންނަބޭކަލުން

ކޮންމެ އަހަރަކު އީސާގެފާނުގެ މަންމާފުޅާއި ބައްޕާފުޅު ޢީދުލް ޕަސްކާ ފާހަގަ ކުރުމުގެ ހަފްތާގައި ބައިވެރި ވުމަށްޓަކާ ޖެރޫސަލަމަށް ވަޑައިގެން އުޅުނެވެ އީސާގެފާނުގެ އުމުރުފުޅުން ބާރަ އަހަރުފުޅު ފުރިހަމަ ވުމުން ޖެހިގެން އައި އަހަރު އެބައިމީހުންނާއިއެކު އެކަލޭގެފާނު ވެސް ޖެރޫސަލަމަށް ވަޑައިގަތެވެ ޢީދުގެ ކަންތައްތަކުން ނިމިގެން އީސާގެފާނުގެ މަންމާފުޅާއި ބައްޕާފުޅު އެނބުރި ރަށަށް ވަޑައިގަތުމަށްޓާކާ ދަތުރުފެއްޓެވިއެވެ ނަމަވެސް އީސާގެފާނު އެނބުރި ނައިސް ޖެރޫސަލަމުގައި ހުންނެވި ކަމެއް އެދެކަނބަލުންނަކަށް އެނގި ވަޑައެއްނުގައްނަވައެވެ އެމީހުން ހީކުރީ އެކަލޭގެފާނު ވަނީ ދަތުރުކުރާ މީހުންގެ ތެރެއިން ކޮންމެވެސް އެއްބައިގަނޑަކާއި އެކު ރަށަށް ދިއުމުގެ މަގުމަތީގައި ކަމުގައެވެ ނަމަވެސް ދަތުރު ކުރާތާ އެއްދުވަސް ވީއިރު ވެސް އީސާގެފާނު ނުފެނުމާއި އެކު އެދަތުރު މަތީގައި ވާ އެބައިމީހުންގެ ތިމާގެ މީހުންނާއި ރަށްޓެހިންގެ ތެރޭ އެކަލޭގެފާނު ވޭ ތޯ ހޯދުމުން ވެސް އެމީހުންގެ ތެރޭ އެކަލޭގެފާނު ނުވާ ކަން އެނގުނެވެ ދެން އެކަލޭގެފާނު ހޯދުމަށް މަރިޔަމުގެފާނާއި ޔޫސުފު އެނބުރި ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ އެމީހުން އީސާގެފާނު ހޯއްދަވާތާ ތިންވަނައަށް ވީ ދުވަހު ބައިތުލް މަޤްދިސްގެ ވަށައިގެންވާ ގޯތި ތެރެއިން އެކަލޭގެފާނު ފެނިވަޑައިގަތެވެ އެކަލޭގެފާނު އިންނެވީ އެތާގައިވާ ދަންނަބޭކަލުންގެ ބައިގަނޑަކާއި އެކު އެބައިމީހުން ދައްކާ ވާހަކަތައް އަޑު އައްސަވާ އަދި އެބައިމީހުން ކުރެން ސުވާލުތައް ކުރެއްވުމަށެވެ އެކަލޭގެފާނުގެ ވިސްނުންފުޅުތޫނުކަމާއި ދެއްވަމުން ގެންދެވި ޖަވާބުފުޅުތަކުގެ ހަރުދަނާ ކަމުގެ ސަބަބުން އެތާގައިވީ އެންމެން ވަރަށް ބޮޑަށް އަޖައިބުވިއެވެ މަރިޔަމުގެފާނާއި ޔޫސުފަށް އެކަލޭގެފާނު މިތާގައި އިންނެވިތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ މަރިޔަމްގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ ދަރިފުޅާ މަންމަމެން ދަރިފުޅާއި މެދު ވަރަށް ކަންބޮޑުވި މަންމަމެން ދަރިފުޅު ހޯދުމަށްޓަކާ ނުހޯދާ ތަނެއް ނެތް ތިޔަފަދަ ކަމެއް މަންމަމެންނަށް ތިޔަކުރީ ކީއްވެ

އީސާގެފާނު ޖަވާބުފުޅުގައި ދެންނެވިއެވެ އަޅުގަނޑު ހޯދުމަށް ތިޔަހާ ބޮޑަށް މަސައްކަތް ތިޔަކުރެއްވީ ކީއްވެތޯ އަޅުގަނޑު ވާނީ އަޅުގަނޑުގެ ބައްޕާފުޅުގެ ގެ ބައިތުލް މަޤްދިސްގައި ކަން މަންމަމެންނަކަށް ނޭނގޭތޯ

ނަމަވެސް މިބަސްފުޅުން އީސާގެފާނު މާނަ ކުރެއްވި އެއްޗެއް އެދެކަނބަލުންނަކަށް ވިސްނި ވަޑައެއް ނުގެންނެވިއެވެ

ދެން އީސާގެފާނު އެބައި މީހުންނާއިއެކު އެނބުރި ނާޒަރަތުއަށް ވަޑައިގެންނެވިއެވެ އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ މަރިޔަމުގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ އީސާގެފާނަށް މާތްރަސްކަލާނގެ އާއި މީސްތަކުންގެ ރުހުން ލިބިވަޑައިގެން ވިއެވެ އަދި ވިސްނުންތެރިކަން ލިބިވަޑައިގެން އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގެންނެވިއެވެ

3

ޔަހުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވި ގޮވާލެއްވުން

ކައިސަރު ތިބެރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ އަދި އަބިލޭނީގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ އޭރު ބަނީއިސްރާއީލުގެ އުއްތަމަ އިމާމުންނަށް ތިއްބެވީ ހަންނާނު އާއި ކައިފާސް އެވެ

އެދުވަސްވަރު މާތްރަސްކަލާނގެ ވަޙީގެ ބަސްފުޅު ޔަހުޔާގެފާނަށް ފޮނުއްވިއެވެ ޔަހުޔާގެފާނު އޭރު އެކަހެރި މީހުން ނޫޅޭ ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދެވިއެވެ އެކަލޭގެފާނު ޖޯޑަން ކޯރުގެ މުޅި ހިސާބުގައި ވަށައިގެންވާ ހުރިހާ ރަށްރަށަށް ވަޑައިގެން އެންމެންނަށް މިވަޙީގެ ބަސްފުޅު ފާޅުކޮށް އިއްވެވިއެވެ ފާފަތަކުން ދުރުވެ ތައުބާ ވެއްޖެކަން ހާމަ ކުރުމަށްޓަކާ ތައުބާގެ ހިނެވުމުން ހިނައިގަތުމަށް މީސްތަކުންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ އޭރުން މާތްރަސްކަލާނގެ މީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށް ވެސް އެކަލޭގެފާނު ވިދާޅުވަމުން ގެންދިޔައެވެ ޔަހުޔާގެފާނު މިކަންތައްތައް ކުރައްވަމުން ދާ ގޮތުގެ ވާހަކަ މާތްރަސްކަލާނގެ ވަނީ މާކުރީންސުރެ ވެސް އަންގަވާފައެވެ އެގޮތުން އިހު ޒަމާނުގެ ރަސޫލުބޭކަލެއް ކަމުގައިވާ ޔަޝަޔާހުގެފާނަށް މާތްރަސްކަލާނގެ މިފަދައިން ވަޙީކުރައްވާ ބާވައިލެއްވިގެން ވެއެވެ

އެކަހެރި މީހުން ނޫޅޭ ހިސާބުގަނޑުގެ ތެރޭގައި އުޅޭމީހަކު ގޮވަމުން ދާނެއޭ މަތިވެރި މާތްރަސްކަލާނގެ އަށްޓަކާ މަގު ތައް ސީދާކުރާށޭ ހުރިހާ ވާދީތަކެއް ފުރި އެއްވަރުވާނެއޭ އަދި ކޮންމެ ފަރުބަދައަކާއި އުސްގަނޑެއް ތިރިވެ ކަތިކަތިވެފައިވާ މަގުތައް ސީދާވެ އަދި އަޑިގުޑަން މަގުތައް އޮމާން ވާނެއޭ އޭރުން މާތްރަސްކަލާނގެ މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށް ދެއްވާނެ ދިންނެވުން ކަލޭމެންނަށް ވެސް ހާމަކުރައްވާނެއޭ

ޔަހުޔާގެފާނުގެ އަރިހަށް ތައުބާގެ ހިނައިގަތުމުން ހިނައިގަތުމަށްޓަކާ އެތައްބައިވަރު މީސްތަކުންނެއް އައެވެ އެމީހުންނަށް ޔަހުޔާގެފާނު ވިދާޅުވިއެވެ ބަލަ ހީލަތްތެރި މަކަރުވެރިންނޭ ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ކަލޭމެން ހީކުރަންތަ އެގަހަކުން މޭވާއެއް ނުލިބޭ ކޮންމެ ގަހެއް މުލާ އެކު ކަނޑާ ދަރުގެ ގޮތުގައި އަންދާ ލެވޭނެ ފައިދާ ނުލިބޭ ގަސްތައް ކަނޑާ ދުވަސް މިހާރު މިއޮތީ އައިސް ޖެހިފަ ވީމާ ތައުބާވޭ އަދި ކަލޭމެންގެ އަމަލުތަކުން ކަލޭމެން ތައުބާވެއްޖެ ކަން ހާމަކޮށްދީ ކަލޭމެންނަކީ އިބުރާހީމުގެފާނުގެ ދަރިކޮޅުގެ މީހުންނަށް ވީތީ މާތްރަސްކަލާނގެ ކޯފާއިން ސަލާމަތް ވާނެ ކަމަށް ހީނުކުރާތި މާތްރަސްކަލާނގެ އެދިވޮޑިގެންފި ނަމަ މިހިލަތަކުން ވެސް އިބުރާހީމުގެފާނުގެ ދަރިކޮޅުގެ މީހުން އުފެއްދެވުމުގެ ކުޅަދުންވަންތަކަން އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ

މީސްތަކުން ޔަހުޔާގެފާނު ކުރެން ސުވާލުކުރިއެވެ އަހަރުމެން ތައުބާވެއްޖެ ކަން ހާމަކުރުމަށްޓަކާ ކުރަންވީ ކީއް

ޔަހުޔާގެފާނު ވިދާޅުވިއެވެ ކަލޭމެންގެ ތެރެއިން މީހަކު އަތުގައި ދެގަނޑެތި އޮތްނަމަ އަތުގައި ލާނޭ އެއްޗެއް ނެތް މީހާއަށް އޭގެން އެއްގަނޑެތި ދީ އަދި އެމީހެއްގެ އަތުގައި ކާނެ އެއްޗެތި ވާ މީހާ އެ އެއްޗެތި ނެތް މީހަކަށް އެހީވޭ

ވާރުފައިސާ ނަގާ މީހުންގެ ބަޔަކު ވެސް ތައުބާގެ ހިނެއުމުން ހިނައިގަތުމަށް އައެވެ އެމީހުން ޔަހުޔާގެފާނަށް ބުންޏެވެ އެދުރުކަލޭގެފާނު އަހަރުމެން ތައުބާވެއްޖެ ކަން ހާމަ ކުރުމުގެ ގޮތުން ކުރަންވީ ކަމަކީ ކޮބާ

ޔަހުޔާގެފާނު ވިދާޅުވިއެވެ ވާރުފައިސާ ނަގަން ކަނޑައަޅާ އަންގާފައި އޮންނަ އަދަދަށް ވުރެ އިތުރަށް ކަލޭމެން މީސްތަކުންގެ އަތުން ފައިސާ ނާތުލާ

އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ އެމީހުން ވެސް ޔަހުޔާގެފާނަށް ބުންޏެވެ އަހަރުމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް

ޔަހުޔާގެފާނު ވިދާޅުވިއެވެ މީހުން އަތުން ގަދަކަމުން ފައިސާ ނާތުލާ އަދި މީހުންނަށް ދޮގު ތުހުމަތުތައް ކޮށް ބިރުގަންނަވައިގެން ވެސް ފައިސާ ނާތުލާ ކަލޭމެންނަށް ލިބޭ މުސާރައިން ހިތްހަމަ ޖައްސައިގެން ތިބޭ

މީސްތަކުންގެ ހިތަށް އަރަމުން ދިޔައެވެ މިޔަހުޔާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ކަމަށް އަހަރުމެން އިންތިޒާރު ކޮށްގެން މިތިބަ އަލްމަސީހުއެއް ނޫން ބާ އެފަދައިން ހީކުރި މީހުންނަށް ޔަހުޔާގެފާނު މިޖަވާބު ދެއްވިއެވެ އަހަރެންމީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން އަހަރެން ކަލޭމެން ހިނައިގަތުމަށް މި ބުނަނީ ފެނުން ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫހުފުޅުން އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއްނުވާ އަލިފާނަށް އެއްލާ ލައްވާނެ އެކަލޭގެފާނު ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވާ ދެބައި ކުރައްވާނެ އަދި ގޮވާންތައް ގުދަނަށް ލައްވާ ހުއިތައް ނިވުމެއްނުވާ އަލިފާނަކުން އަންދަވާނެ އެކަލޭގެފާނު މިފަދައިން މީސްތަކުންނާ ދޭތެރޭ ކަންތައް ކުރައްވާނެ

ޔަހުޔާގެފާނު މީސްތަކުންނަށް އެތައް ތަފާތު ގޮތްތަކަކުން މާތްރަސްކަލާނގެ ދެއްވި މި މުހިންމު ޚަބަރުފުޅާއި ބެހޭގޮތުން އަންގަވައި ދެއްވަމުން ގެންދެވިއެވެ

ނަމަވެސް ގިނަ ދުވަހެއް ނުވެ ގަލީލީގެ ވެރިޔާ ހެރޮދު ޔަހުޔާގެފާނު ޖަލަށް ލިއެވެ އެއީ ހެރޮދު އޭނާގެ އެއްބަފާ ބޭބެ ފިލިޕުގެ އަންހެނުން ހެރޯދިޔާ އާއި އިނުމުންނާއި އަދި އޭނާ ކޮށްފައިވާ އެހެންވެސް ނުބައި ކަންތައްތަކަކީ ނުރަގަނޅު ކަންތައްތައް ކަމުގައި ޔަހުޔާގެފާނު ވިދާޅުވުމުންނެވެ އެކަމާ ހެރޮދު އައި ރުޅިން ޔަހުޔާގެފާނު ޖަލަށްލުމަށް އަމުރުކުރިއެވެ އަދި ހެރޮދުގެ މިއަމަލުގެ ސަބަބުން އޭނާ ކުރި ފާފަތަކުގެ ތެރެއަށް އަނެއްފާފަ އިތުރު ވިއެވެ

އުޑުން އައި އަޑުފުޅެއް

ޔަހުޔާގެފާނު ޖަލަށް ލުމުގެ ކުރިން މީސްތަކުން ޔަހުޔާގެފާނުގެ އަރިހަށް އައިސް ތައުބާގެ ހިނެވުމުން ހިނައިގަންނަމުން ދިޔައިރު އީސާގެފާނު ވެސް އެތަނަށް ވަޑައިގެން ހިނައިގަތެވެ އަދި ހިނައިގަތުމަށް ފަހު އީސާގެފާނު ދުޢާފުޅު ކުރައްވަނިކޮށް އުޑު ހުޅުވިގެން ދިޔައެވެ އަދި މާތްރޫހުފުޅު ހުދު ކޮތަރެއް ފަދައިން އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިއެވެ ދެން އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނަށް މިފަދައިން ވަޙީކުރެއްވި އަޑުފުޅު އިވިގެންދިޔައެވެ ކަލޭގެފާނީ ތިމަންސުވާމީންގެ ލޯބިވެ ވޮޑީގެންވާ މަތިވެރި ދަރިކަލުން ކަލޭގެފާނުގެ މައްޗަށް ތިމަންސުވާމީންގެ ރުއްސެވުން ލިބިވޮޑިގެން ވޭ

އީސާގެފާނު މާތްރަސްކަލާނގެ އާއި މެދު މީސްތަކުންނަށް އަންގަވާ ދެއްވާ އުގަންނާ ދެއްވަވަން ފެއްޓެވި އިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ތިރީސް އަހަރުފުޅެވެ

އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދަރިކޮޅު

މީސްތަކުން ހީކުރި ގޮތުގައި އީސާގެފާނަކީ ޔޫސުފުގެ ދަރިއެކެވެ މި ޔޫސުފުގެ ދަރިކޮޅު ފެށުނު ގޮތަކީ މިއެވެ މާތްރަސްކަލާނގެ އާދަމުގެފާނު އެކަލާނގެ ސިފަފުޅުގައި ހެއްދެވިއެވެ އެއަށްފަހު އާދަމުގެފާނުގެ ފުތް ސައިތު ސައިތުގެ ފުތް އެނޯހު އެނޯހުގެ ފުތް ކައިނާނު ކައިނާނުގެ ފުތް މަހައްލީލު މަހައްލީލުގެ ފުތް ޖާރިދު ޖާރިދުގެ ފުތް ހެނޯކު ހެނޯކުގެ ފުތް މަތުޝަލާހު މަތުޝަލާހުގެ ފުތް ލަމެޚް ލަމެޚްގެ ފުތް ނޫހުގެފާނު ނޫހުގެފާނުގެ ފުތް ޝާމު ޝާމުގެ ފުތް އަރުފަޚާދު އަރުފަޚާދުގެ ފުތް ކައިނާމު ކައިނާމުގެ ފުތް ޝެލާހު ޝެލާހުގެ ފުތް އުބޭރް އުބޭރުގެ ފުތް ޕެލާގު ޕެލާގުގެ ފުތް ރައޫފު ރައޫފުގެ ފުތް ސަރޫގު ސަރޫގުގެ ފުތް ނަހޫރު ނަހޫރުގެ ފުތް ތަރާހު ތަރާހުގެ ފުތް އިބުރާހީމުގެފާނު އިބުރާހީމުގެފާނުގެ ފުތް އިސްހާގުގެފާނު އިސްހާގުގެފާނުގެ ފުތް ޔައުގޫބުގެފާނު ޔައުގޫބުގެފާނުގެ ފުތް ޖޫދާ ޖޫދާގެ ފުތް ފާރިޒު ފާރިޒުގެ ފުތް ހެޒުރޯން ހެޒުރޯންގެ ފުތް އަރުނީ އަރުނީގެ ފުތް އުދަމީނު އުދަމީނުގެ ފުތް އަމީނުދާބު އަމީނުދާބުގެ ފުތް ނައުޝާން ނައުޝާނުގެ ފުތް ސަލްމާން ސަލްމާނުގެ ފުތް ބޮއާޒު ބޮއާޒުގެ ފުތް އުބެއިދު އުބެއިދުގެ ފުތް ޖިޝާއު ޖިޝާއުގެ ފުތް ދާއޫދުގެފާނު ދާއޫދުގެފާނުގެ ފުތް ނަތާނު ނަތާނުގެ ފުތް މައްތާތަ މައްތާތަގެ ފުތް މިންނާހު މިންނާހުގެ ފުތް މެލިޔާހު މެލިޔާހުގެ ފުތް އެލިޔަކީމް އެލިޔަކީމުގެ ފުތް ޖޯނަމް ޖޯނަމުގެ ފުތް ޔޫސުފު ޔޫސުފުގެ ފުތް ޖޫދާ ޖޫދާގެ ފުތް ސިމިޔާނު ސިމިޔާނުގެ ފުތް ލެވާއި ލެވާއިގެ ފުތް މައްތާތު މައްތާތުގެ ފުތް ޖޮރީމް ޖޮރީމުގެ ފުތް އެލިޔާސިރު އެލިޔާސިރުގެ ފުތް ޖަހޫޝް ޖަހޫޝުގެ ފުތް އަޔީރް އަޔީރުގެ ފުތް އެލްމޮދާމު އެލްމޮދާމުގެ ފުތް ކުޝާމު ކުޝާމުގެ ފުތް އަދީހު އަދީހުގެ ފުތް މާލިކު މާލިކުގެ ފުތް ނެރީހު ނެރީހުގެ ފުތް ސަލާތިލް ސަލާތިލުގެ ފުތް ޒަރުބާބިލު ޒަރުބާބިލުގެ ފުތް ރިޒާ ރިޒާގެ ފުތް ޔުހަންނާން ޔުހަންނާނުގެ ފުތް ޔޮދާހު ޔޮދާހުގެ ފުތް ޔޮސޭހު ޔޮސޭހުގެ ފުތް ޝިމާނު ޝިމާނުގެ ފުތް މައްތަތިޔާހު މައްތަތިޔާހުގެ ފުތް މާތުހު މާތުހުގެ ފުތް ނައްގާހު ނައްގާހުގެ ފުތް އަސުލިޔާހު އަސުލިޔާހުގެ ފުތް ނަހޫމު ނަހޫމުގެ ފުތް އާމޮސް އާމޮސުގެ ފުތް މައްތަތިޔާހު މައްތަތިޔާހުގެ ފުތް ޔޫސުފު ޔޫސުފުގެ ފުތް ޖަންނައި ޖަންނައިގެ ފުތް މާލިކު މާލިކުގެ ފުތް ލެވާއި ލެވާއިގެ ފުތް މައްތާތު މައްތާތުގެ ފުތް ހެލާއި ހެލާއިގެ ފުތް ޔޫސުފުއެވެ އަދި މީހުން ހީކުރި ގޮތުގައި މި ޔޫސުފަކީ އީސާގެފާނުގެ ބައްޕާފުޅެވެ

4

އިބިލީސް އީސާގެފާނަށް ވަސްވާސް ދީ ފާފައެއް ކުރުވަން މަސައްކަތް ކުރިކުރުން

މާތްރޫހުފުޅު އީސާގެފާނަށް އެންގެވީ ޖޯޑަން ކޯރު ދޫކުރެއްވުމަށް ފަހު މީހުން ނޫޅޭ ހިސާބުގެ ތެރެއަށް ވަޑައިގަތުމަށެވެ އެކަލޭގެފާނު ވަނީ މާތްރޫހުފުޅުން ފުރިފައެވެ އީސާގެފާނު މީހުން ނޫޅޭ ހިސާބު ތެރޭގައި ސާޅީސް ދުވަސް ހޭދަކުރެއްވިއެވެ އެކަލޭގެފާނު މީހުން ނޫޅޭ ހިސާބުގެ ތެރޭގައި ވަނިކޮށް އިބިލީސް ސާޅީސް ދުވަސް ވަންދެން އެކަލޭގެފާނުގެ ފަރާތުން ފާފައެއް ކުރުވޭތޯ މަސައްކަތް ކުރިއެވެ މި ހުރިހާ ދުވަހެއްގައި ވެސް އީސާގެފާނު ހޭދަ ކުރެއްވީ އެއްވެސް އެއްޗެއް ފަރިންނުކުޅުއްވައެވެ މިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ހާންތިފުޅު ވެފައެވެ

އިބިލީސް އެކަލޭގެފާނަށް ބުންޏެވެ ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުންނެއްނު ވީއިރު މިހިލަތަކަށް ރޮއްޓަށް ބަދަލުވުމަށް އަމުރު ކުރައްވާ އޭރުން އެހިލަތައް ރޮއްޓަށް ވާނެއެއްނު

އީސާގެފާނު ވިދާޅުވިއެވެ މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެންވާ ފަދައިން މީހަކަށް ދިރިހުރުމަށްޓަކާ ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން

ދެން އިބިލީސް އެކަލޭގެފާނު ވަރަށް އުސް ހިސާބަކަށް ގެންދިޔައެވެ އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކެއް އެކަލޭގެފާނަށް ކުއްލި މަންޒަރެއްގެ ގޮތުގައި ދެއްކިއެވެ އަދި އިބިލީސް ބުންޏެވެ ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށްފި ނަމަ އަހަރެން ކަލޭގެފާނަށް މިހުރިހާ ޤައުމުތަކުގެ ވެރިކަން ކުރުމުގެ ބާރާއި އެޤައުމުތަކުގެ މުއްސަނދިކަން މިލްކުކޮށް ދޭނަން އަހަރެންނަށް އެތަކެތި އަހަރެން ބޭނުން މީހަކަށް މިލްކު ކޮށްދިނުމުގެ ބާރު ލިބިގެން ވޭ އެއީ މި ތަކެތީގެ މިލްކުވެރިއަކީ އަހަރެން

އީސާގެފާނު މިފަދައިން ވިދާޅުވެ ޖަވާބު ދެއްވިއެވެ ބާވައިލެއްވިގެން ވަނީ މިފަދައިން ސަޖިދަ ކުރަން ވާނީ ހަމައެކަނި އެއްކައުވަންތަ މަތިވެރި ރަސްކަލާނގެ ކިބަފުޅަށޭ އަދި އީމާން ވާން ޖެހޭނީ ވެސް ހަމައެކަނި އެކަލާނގެއަށޭ

އެއަށް ފަހު އިބިލީސް އެކަލޭގެފާނު ޖެރޫސަލަމަށް ގެންދިޔައެވެ އަދި ބައިތުލް މަޤްދިސްގެ އެންމެ އުސް ހިސާބަށް އެކަލޭގެފާނު ގެންގޮސްފައި ބުންޏެވެ މިތަނުން ތިރީގައި އެވާ ބިމަށް ފުންމަވާ ލައްވާ އެކަމުން ކަލޭގެފާނަށް އެއްވެސް ހާނިކައެއް ނުވާނެ ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުންނެއް ނޫން ތޯ އެއީ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެން ވޭ މަތިވެރި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނު ފަރުވާތެރި ކަމާއިއެކު ހިމާޔަތް ކުރުމަށް އަމުރުފުޅު ކުރައްވާނެއޭ އަދި އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެ މަލާއިކަތުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ

އީސާގެފާނު ޖަވާބު ދެއްވިއެވެ މާތްރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވެ ވޮޑިގެންވާ ކަލާނގެ ކަން ކަށަވަރު ނަމަވެސް މާތްރަސްކަލާނގެ މިފަދައިން ވެސް ވަޙީކުރެއްވި އެއްކައުވަންތަ މަތިވެރި މާތްރަސްކަލާނގެ މިންވަރުފުޅު ކުރައްވާނެ ގޮތަކީ ކޮބައިތޯ އަޖުމަ ބެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނޭ

އީސާގެފާނުގެ ކިބައިން ފާފައެއް ކުރުވުމަށް އިބިލީސް މިހުރިހާ ގޮތްގޮތުން މަސައްކަތް ކޮށް ވެސް ކާމިޔާބު ނުވުމުން އެވަގުތަށް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ

އީސާގެފާނު މާތްރޫހުފުޅުގެ ބާރާއި އެކީގައި ގަލީލީއަށް އެނބުރި ވަޑައިގެންނެވިއެވެ އަދި އެކަލޭގެފާނާއި ބެހޭ ޚަބަރުތައް އެސަރަހައްދުގެ ތެރޭގައި ފެތުރުނެވެ ބަނީއިސްރާއީލުގެ ދަންނަބޭކަލުން ކިޔަވައިދެއްވުމަށް ހަދާފައިވާ ދީނީމަރުކަޒުތަކުގައި އެކަލޭގެފާނު މާތްރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކާއި ބެހޭގޮތުން އުގަންނައި ދެއްވާ ހެއްދެވިއެވެ އަދި އެންމެހައި މީސްތަކުން އެކަލޭގެފާނަށް ތާރީފުކޮށް އުޅުނެވެ

ނަޒަރަތުގެ މީހުން އީސާގެފާނުގެ ބަސްފުޅުތަކާއި ދެކޮޅުވެރިވި

އީސާގެފާނު އެނބުރި އެކަލޭގެފާނު އުޅެ ބޮޑުފުޅުވި އަމިއްލަފުޅު ރަށް ކަމަށް ވާ ނާޒަރަތުއަށް ވަޑައިގެންނެވިއެވެ ދެން އެކަލޭގެފާނު އާދަވެވަޑައިގެން ކަންކުރައްވާ ފަދައިން ސަބަތުގެ ދުވަހުގައި ބަނީއިސްރާއީލު މީހުންގެ ދީނީމަރުކަޒަކަށް ވަޑައިގެންނެވިއެވެ އެތާގައި އެކަލޭގެފާނު މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްޓަކާ ތެދުވެ ވަޑައިގެންނެވިއެވެ އެދުވަހު އެކަލޭގެފާނަށް ކިޔަވާ ވިދާޅުވުމަށް ޖެހިވަޑައިގަތް ފޮތްކޮޅަކީ ރަސޫލުބޭކަލެއް ކަމުގައިވާ ޔަޝަޔާހުގެފާނަށް މާތްރަސްކަލާނގެ އެންގެވި ވަޙީގެބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅެވެ އެކަލޭގެފާނު ކިޔަވާވިދާޅުވީ އެފޮތްކޮޅުގައި ލިޔެވިގެންވާ މި ބަސްފުޅުތަކެވެ

އަހަރެން މިވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަޤީރުންނަށް އުފާވެރި ޚަބަރު ދިނުމަށްޓަކައެވެ އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް މަތިވެރި މާތްރަސްކަލާނގެ ރަހުމަތުގެ ފެށުން ފާޅު ކުރުމަށެވެ

ދެން އެކަލޭގެފާނު ފޮތްކޮޅު ލައްޕަވާލައްވާ އެތާގެ އެހީތެރިޔާ އަތަށް ދެއްވުމަށް ފަހު އިށީނދެ ވަޑައިގެންނެވިއެވެ އެމަރުކަޒުގެ ތެރޭގައި ވާ އެންމެންމެ ތިބީ އެކަލޭގެފާނު ވިދާޅުވާނެ ބަސްފުޅެއް ކަނުލާ އަޑުއެހުމަށް ތައްޔާރަށެވެ ދެން އެކަލޭގެފާނު މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވިއެވެ ހަމަ މިއަދު ކަލޭމެން މިބަސްފުޅުތަކުގެ އަޑު އަހަމުން ތިޔަ ގެންދާހިނދު މި ބަސްފުޅުތަކުގައި ބަޔާންކުރެވިގެން ވީ ކަންތައްތައް ފުރިހަމަވެއްޖެ

އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ހައްޤު އޭނާއަށް ދިނީ ކާކު

އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ ކަލޭމެން ހިތާހިތުން ތިޔަ ކިޔަނީ އަހަންނާ ދިމާލަށް މިހެން ބުނަންކަން އަހަންނަށް އެނގޭ އޭ ބޭސްވެރިޔާއޭ ކަލޭގެ އަމިއްލަ ބަލި ފަސޭހަކޮށް ބަލާށޭ ކަލޭ ކަޕަރުނައުމްގައި މުޢުޖިޒާތްތައް ދެއްކިޔޭ ބުނާތީ އިވެއޭ ވީއިރު މުޢުޖިޒާތްތައް ކަލޭގެ އަމިއްލަ ރަށުގައި ވެސް ދައްކަން ވީނުންހޭ

އަހަރެން ބުނަން ތަ އެއްވެސް ރަސޫލަކު އެމީހެއްގެ އަމިއްލަ ރަށުގެ މީހުންގެ ކުރިމަތީ ދުވަހަކުވެސް ރަސޫލަކު ކަމުގައި ޤަބޫލު ކުރެވިފަކާ ނުވޭ ބަނީއިސްރާއީލުންގެ މެދުގައި ރަސޫލު އިލިޔާސްގެފާނު އުޅުއްވި އިރު ތިންއަހަރާއި ހަމަސް ވަންދެން ވިއްސާރަ ނުވެހުމުގެ ސަބަބުން ބަނީއިސްރާއީލަށް ބޮޑުތަދަކާއި ކުރިމަތިވި އެދުވަސްވަރު ބަނީއިސްރާއީލުގައި ފިރިމަރުވެ ހާލުގައި ޖެހިފައިވާ އެތައްއެތައް އަންހެނުންނެއް ވި ނަމަވެސް މާތްރަސްކަލާނގެ އިލިޔާސްގެފާނު އެއިން ކޮންމެ ހުވަފަތް އަންހެނެއްގެ ކައިރިއަށް މުޢުޖިޒާތަކާއިގެނެއް ނުފޮނުއްވާ އެކަލާނގެ އިލިޔާސްގެފާނު މުޢުޖިޒާތަކާއިގެން ފޮނުއްވީ ބަނީއިސްރާއީލުގެ ޤައުމެއް ކަމުގައި ނުހިމެނޭ ޤައުމެއްގެ ރަށެއް ކަމުގައިވާ ޒިދޯނުގެ ޒަރާފަތުގައި އުޅުނު ހުވަފަތް އަންހެނެއްގެ ކައިރިއަށް ހަމަ އެފަދައިން ބަނީއިސްރާއީލުންގެ މެދުގައި ރަސޫލު އެލީޝާހުގެފާނު އުޅުއްވި އިރު އެތައްބައިވަރު ޖިޒާމުބަލި ޖެހިފައި ވީ ބަޔަކު ބަނީއިސްރާއީލުގައި ވި ނަމަވެސް އެލީޝާހުގެފާނު މެދުވެރިކޮށް އޭގެތެރެއިން އެއްވެސް މީހެއްގެ ޖިޒާމުބަލި ރަނގަޅުކޮށް މުޢުޖިޒާތެއް ނުދައްކަވާ ނަމަވެސް ބަނީއިސްރާއީލުގެ ޤައުމެއް ކަމުގައި ނުހިމެނޭ ސީރިޔާގައި އުޅުނު ނައުމާނު އޭ ކިޔުނު މީހެއްގެ ޖިޒާމުބަލި އެލީޝާހުގެފާނު މެދުވެރިކޮށް ރަނގަޅުކުރައްވާ އެކަލާނގެ މުޢުޖިޒާތެއް ދެއްކެވި

އެ މަރުކަޒުގައި ވީ އެންމެން މި ވާހަކަތަކުގެ އަޑުއިވި ވަރަށް ބޮޑަށް ރުޅިއައެވެ އެމީހުން ރުޅިއައިސްގެން އީސާގެފާނާއި ދިމާލަށް އެއްޗިހި ކިޔާ ހަޅޭއްލެވިއެވެ މިއަވަށަކީ ފަރުބަދަމަތީގެ އަވަށެކެވެ ދެން މިބައިމީހުން އީސާގެފާނު ތިރިއަށް ވައްޓާލުމަށް ގަސްތުކޮށް އެއަވަށް އޮންނަ ފަރުބަދައިގެ ކޮޅަށް އެކަލޭގެފާނު ގެންދިޔައެވެ ނަމަވެސް އީސާގެފާނު އެހުރިހާ އެންމެންގެ ކުރިމަތިން ލާފައި އެކަލޭގެފާނު ކުރިޔަށް ވަޑައިގެންނެވިއެވެ

އީސާގެފާނު މީހަކު ނުބައި ރޫހެއްގެ ބާރުގެ ދަށުން ސަލާމަތްކުރެއްވި

ދެން އެކަލޭގެފާނު ވަޑައިގެންނެވީ ގަލީލީގެ އެހެން އަވަށެއް ކަމަށް ވާ ކަޕަރުނައުމް އަށެވެ އަދި ސަބަތުގެ ދުވަހުގައި އެތަނުގައި މީސްތަކުންނަށް އުގަންނަވާ ދެއްވުމަށް ފެއްޓެވިއެވެ މީސްތަކުން އެކަލޭގެފާނު އުގަންނާ ދެއްވެވި ގޮތާއި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއިވި ހައިރާންވިއެވެ އެއީ އެކަލޭގެފާނުގެ ބަސްފުޅުގައި ވާ މަތިވެރި ކަމާއި އާރާއިބާރުގެ ސަބަބުންނެވެ

އެމަރުކަޒުގައި ވީ މީހުންގެ ތެރޭގައި ޖިންނި މޮޔަވެފައި ވީ ފިރިހެނަކު ވިއެވެ އޭނާގެ ގައިގައި އަވަލާފައި ވީ ޖިންނި މިފަދައިން ކިޔާ ހަޅޭއްލަވާ ގޮވަންފެށިއެވެ އޭ ނާޒަރަތުގެ އަހުލުވެރި އީސާ ކަލޭގެފާނު ތިޔައުޅެނީ އަހަރުމެންނަށް ކީއްކުރަން ކަލޭގެފާނު މިތަނަށް ތިޔައައީ އަހަރުމެން ނައްތާލުމަށް ތަ ކަލޭގެފާނު ތިޔައީ ކާކުކަން އަހަންނަށް އެނގޭ ކަލޭގެފާނަކީ މާތްރަސްކަލާނގެ މަތިވެރި ކުރެއްވި މީހާ

އީސާގެފާނު އަމުރުވެރިކަމާއި އެކު ވިދާޅުވިއެވެ އަނގަމަޑުކުރޭ އޭނާގެ ހަށިގަނޑުގެ ތެރެއިން ނުކުމޭ ދެން މިޖިންނި އެމީހާ ބިންމައްޗަށް ވައްޓާލިއެވެ އަދި އެމީހާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ނުދީ އޭނާ ދޫކޮށް ހިނގައްޖެއެވެ

މިތާ ތިބި އެންމެން މިމަންޒަރު ދެކި އަޖައިބުވެ ހައިރާންވިއެވެ މިބައިމީހުން އެކަކު އަނެކަކަށް ބުނަން ފެށިއެވެ މިއީ ކޮންފަދަ އަޖައިބު ކުރުވަނިވި ބަސްތަކެއްހޭ މި ކަލޭގެފާނުގެ ބަސްފުޅުތަކުގައި މަތިވެރިކަމާއި އާރާއިބާރު ވާކަން ކަށަވަރު މީހުންނާއި އަވަލާފައިވާ ނުބައި ޖިންނިތައްވެސް އެކަލޭގެފާނުގެ ބަސްފުޅަށް ކިޔަމަންވެ އެމީހުންދޫކޮށް އެދަނީ މިހުރިހާ ކަމެއްގެ ސަބަބުން އެ އަވަށުގެ ވަށަވަށައިގެންވާ ހިސާބުތަކުގެ ހުރިހާ ރަށަކަށް އެކަލޭގެފާނާއި ބެހޭ ޚަބަރު ފެތުރުނެވެ

އީސާގެފާނު އެތައްބައެއްގެ ބަލިތައް ފަސޭހަކޮށްދެއްވި

އީސާގެފާނު މި ދީނީމަރުކަޒުން ނުކުންނެވުމަށް ފަހު ވަޑައިގެންނެވީ ޝަމްއޫނުގެ ގެއަށެވެ ޝަމްއޫނަކީ އީސާގެފާނު ދަންނަ ރަށްޓެއްސެކެވެ އޭރު ޝަމްއޫނުގެ މައިދާތައަށް ވަރަށް ގަދަ ހުމެއް ޖެހިފައި ވިއެވެ އެގޭގެ މީހުން އީސާގެފާނުގެ ކިބަފުޅުން އޭނާގެ ހުން ރަނގަޅު ކޮށްދެއްވުމަށް އެދުނެވެ ދެން އެކަލޭގެފާނު ޝަމްއޫނުގެ މައިދައިތަގެ ކައިރިއަށް ވަޑައިގެން އެ ހުން ފިލައިދިއުމަށް އަމުރުފުޅު ކުރެއްވުމާއިއެކު އޭނާގެ ގައިން ހުން ފިލާ ރަނގަޅުވިއެވެ ހަމަ ވަގުތުން އޭނާ ތެދުވެ އެމީހުންނަށް ކެއުން ތައްޔާރު ކުރުމުގެ ކަންތައްތަކުގައި އުޅެން ފެށިއެވެ

އިރުއޮއްސުމާއި ކައިރިވެފައި ވަނިކޮށް މީސްތަކުން އީސާގެފާނުގެ އަރިހަށް އެކި ފާޑުފާޑުގެ ބަލިތައް ޖެހިފައިވާ މީހުން ގެނައެވެ މި އެންމެންގެ ގައިގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކަލޭގެފާނު އެއެންމެންގެ ބަލި ހެޔޮކުރެއްވިއެވެ އަދި މީގެ އިތުރުން އެމީހުންގެ ތެރޭގައި ޖިންނިންގެ ސަބަބުން ބަލިތައް ޖެހިފައި ވީ އެތައް ބައެއް ވެސް ރަނގަޅުކުރެއްވިއެވެ މި ޖިންނިތަކަށް އީސާގެފާނަކީ ކޮން ބޭކަލެއްކަން އެނގެއެވެ އެޖިންނިތައް ގޮވާ ހަޅޭއްލެވިއެވެ ކަލޭ ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީހާ އީސާގެފާނު އެ ޖިންނިތަކަށް ވާހަކަ ނުދެއްކުމަށް ހަރުކަށިކަމާއި އެކު އަމުރުފުޅު ކުރެއްވިއެވެ އެއީ އެއެއްޗިއްސަށް އެކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީހުކަން އެނގޭކަން އީސާގެފާނަށް އެނގިވަޑައިގެންފައި ވާތީއެވެ

ހެނދުނު އިރުއެރުމާއިއެކު އީސާގެފާނު މީސްތަކުންނާއި ދުރަށް އެކަހެރި ހިސާބަކަށް ދުޢާ ކުރެއްވުމަށްޓަކާ ވަޑައިގެންނެވިއެވެ މީސްތަކުން އެކަލޭގެފާނު ވީތަނެއް ނޭނގިގެން ހޯދިއެވެ އެކަލޭގެފާނު ފެނުމުން އެމީހުން އެކަލޭގެފާނަށް އެދުނީ އެމީހުން ދޫކޮށް ވަޑައިނުގަތުމަށެވެ ނަމަވެސް އެކަލޭގެފާނު ވިދާޅުވިއެވެ އަހަރެން މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ޚަބަރުފުޅުތައް އެހެނިހެން އަވަށްތަކަށް ވެސް އަންގައިދޭން ޖެހޭ އަހަރެން މިދުނިޔެއަށް ފޮނުވުނީ އެސަބަބަށްޓަކައި އެއަށްފަހު ޖުދެއާ ކަރައިގެ އެކިއެކި ދީނީމަރުކަޒުތަކުގައި އީސާގެފާނު މާތްރަސްކަލާނގެ އާއި ބެހޭގޮތުން މީސްތަކުންނަށް އުގަންނާ ދެއްވަމުން ގެންދެވިއެވެ

5

އީސާގެފާނު އެކަލޭގެފާނުގެ ފުރަތަމަ އަސްހާބީން ހޮއްވެވުން

އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ވިއެވެ އީސާގެފާނު އެތާގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ވިއެވެ މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކާ މަސައްކަތް ކުރަމުން ގެންދިޔައެވެ އެވަގުތު އެ އައްސޭރީގައި ވާ ކުޑަ ދެ މަސްދޯނި އެކަލޭގެފާނަށް ފެނިވަޑައިގަތެވެ އެދޯނީގެވެރިން އެމީހުން މަސް ހިފަން ގެންގުޅޭ ދާތައް ދޮވުމަށް އަތިރިމަތީގައި އުޅެއެވެ އެކަލޭގެފާނު ވަޑައިގެން އެތަނުން އެއް ދޯންޏަށް އަރައިވަޑައިގެންނެވިއެވެ އެއީ އެމީހުންގެ ތެރެއިން ޝަމްއޫނުއޭ ނަމަކަށް ކިޔުނު މީހާގެ ދޯންޏެވެ އީސާގެފާނު ޝަމްއޫނުގެ ކިބައިން ދޯނި އެއްގަމާއި ތަންކޮޅެއް ދުރަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންނެވިއެވެ ދެން އެކަލޭގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވީ އެދޯނީގައި ހުންނަވައިގެންނެވެ

އެކަލޭގެފާނު މީސްތަކުންނާއި ވާހަކަފުޅު ދައްކަވާ ނިމިވަޑައިގެން ޝަމްއޫނު އަށް ވިދާޅުވިއެވެ ދޯނި ފުނަށް ގެންގޮސް މަހެއް ހިފޭތޯ ދާ އެއްލާ

ޝަމްއޫނު ބުންޏެވެ ސާހިބާ އަޅުގަނޑުމެން މިއައީ ރޭ ހަތަރުދަމު މަސައްކަތް ކޮށްވެސް އެންމެ މަހެއް ވެސް ނުހިފިގެން އެހެންނަމަވެސް ކަލޭގެފާނު ވިދާޅުވީތީ އަޅުގަނޑުމެން ދާ އެއްލަފާނަން

އެމީހުން ދާ ހަމަ އެއްލުމާއެކު ދަލުގައި ޖެހުނު މަސްތަކުގެ ގިނަކަމުން ބަރުވެގެން ގޮސް ދާ އެކިތަންތަނުން ކޮށަކޮށައިގެން ދާން ފެށިއެވެ މިމީހުން އެމީހުންނާއިއެކު މަހަށް ދިއުމަށް އުޅުނު އަނެއް ދޯނީގެ މީހުންނަށް ގޮވާގެނެސް ދެދޯންޏަށް މަސްތައް އެރުވިއެވެ މަސްތަކުގެ ގިނަކަމުން ބަރުވެގެން ގޮސް ދެދޯނިމެ ވަނީ ކިރިޔާ ގެނބި ނުގެނބިއެވެ

ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ މާތްސާހިބާ އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ އަޅުގަނޑަކީ ފާފަވެރި އަކީން އޭނާއާއި އޭނާގެ ރަށްޓެހި ހުރިހާ މަސްވެރިން މި ހިފުނުހާ މަސްތަކުގެ ގިނަކަން ދެކެ ވަރަށް ބޮޑަށް ހައިރާން ވިއެވެ ޒަބަދީގެ ދެދަރިން ޔާމިޒް އާއި ޔަހުޔާ ވެސް މިތަން ދެކެ ހައިރާންވިއެވެ މި ދެމީހުންނަކީ ޝަމްއޫނު އާއި އެކު މަސައްކަތް ކުރާ ދެމީހުންނެވެ

އީސާގެފާނު ޝަމްއޫނަށް ވިދާޅުވިއެވެ ކަންބޮޑުވެ ބިރުނުގަނޭ މިއަދުން ފެށިގެން ކަލޭ މަސް ހިފުމުގެ ބަދަލުގައި މާތްރަސްކަލާނގެ މަގު ދެއްކުމަށްޓަކާ ހިފާނީ އިންސާނުން އެމީހުން ހަމައެވަގުތު އެމީހުންގެ ދޯނިތައް އެހެލުމަށް ފަހު ހުރިހާ އެއްޗެއް ދޫކޮށްލާފައި އީސާގެފާނުގެ އަރިހުގައި ދިޔައެވެ

ޖިޒާމު ބަލި ޖެހިފައި ވީ މީހެއް

އީސާގެފާނު އެއްރަށެއްގައި ވަނިކޮށް އެކަލޭގެފާނު ހުންނެވިތަނަށް ޖިޒާމުބަލި ޖެހި މުޅި ހަށިގަނޑު ފާރުން ފުރިފައި ވީ މީހަކު އައެވެ މިމީހާއަށް އީސާގެފާނު ފެނުމާއިއެކު އެކަލޭގެފާނުގެ ކުރިފުޅުމަތީ މޫނުވަތަށް ބިންމައްޗަށް ވެއްޓި އޮވެ އާދޭސްދެންނެވި އެވެ މާތްސާހިބާ ކަލޭގެފާނު ބޭނުންފުޅު ނަމަ އަޅުގަނޑު މިބަލިން ފަސޭހަކޮށް ސާފުތާހިރު ކޮށްދެއްވިދާނެ

އީސާގެފާނު އެމީހާގެ ގައިގައި އަތްޕުޅު ލައްވަވައި ވިދާޅުވިއެވެ އަހަރެން ކަލޭ ތިޔަބަލިން ފަސޭހަކޮށް ދޭނަން ސާފުވެ ތާހިރުވޭ އީސާގެފާނު މިހެން ވިދާޅުވުމާއިއެކު އެމީހާގެ ގައިން ޖިޒާމުބަލި ފިލާ މުޅިން ރަނގަޅުވެއްޖެއެވެ

ދެން އީސާގެފާނު އޭނާއަށް އަމުރުފުޅު ކުރެއްވިއެވެ ކަލޭގެ ހަށިގަނޑު އިމާމަކަށް ދައްކާ އަދި ޖިޒާމުބަލި ޖެހިފައި ފަސޭހަވެއްޖެ މީހަކު ސާފުތާހިރުވުމުގެ ގޮތުން ކުރުމަށް ތައުރާތުގައި މޫސާގެފާނު އަމުރުފުޅު ކުރެއްވި ޤުރުބާންތައް ކުރޭ އެއީ ކަލޭ ތިޔަބަލިން ފަސޭހަވެ ސާފުވެތާހިރުވީ ކަން އެންމެންނަށް ހާމަކޮށް ދިނުމުގެ ހެއްކެއްގެ ގޮތުން ނަމަވެސް އަހަރެން ކަލޭގެ ބަލި ފަސޭހަ ކޮށްދިން ވާހަކަ އެއްވެސް މީހެއް ގާތު ބުނެގެންނުވާނެ

އެހެން ނަމަވެސް އީސާގެފާނުގެ ޚަބަރު އެރަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެއެވެ އަދި ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އެކަލޭގެފާނުގެ ބަސްފުޅުގެ އަޑު އެހުމަށާއި ބަލިތަކުން ފަސޭހަވުމަށް އެދި އެކަލޭގެފާނުގެ އަރިހަށް އައެވެ މިހެން ކަންތައްތައް ހުރި ނަމަވެސް އީސާގެފާނު ވަރަށް ގިނަގިނައިން އެކަހެރި ތަންތަނަށް ވަޑައިގެން ދުޢާފުޅު ކުރެއްވުން މަތީ ވަގުތު ހޭދަކުރެއްވިއެވެ

ވާބަލިޖެހިފައިވާ މީހެއް

އެއްދުވަހަކު އީސާގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަވަން ގެއެއްގައި އިންނެވިއެވެ އެތާގައި ގަލީލީ އާއި ޖުދެއާ އާއި ޖެރޫސަލަމުގެ ދީނުގެ ދަންނަބޭކަލުންނާއި ފަރީސީނުންނޭ ކިޔާ ދީންވެރިންގެ ބަޔަކު ވިއެވެ މީސްތަކުންގެ ބަލިތައް ފަސޭހަކޮށް ދެއްވުމަށްޓަކާ އޭރު އީސާގެފާނާއިއެކު އެންމެ މަތިވެރި ކަލާނގެ ބާރުފުޅު އެތާގައި ވިއެވެ ބަޔަކު ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އެތަނަށް ގެނައެވެ އެބަލިމީހާ އީސާގެފާނުގެ އަރިހަށް ގެންދިއުމަށްޓަކާ އެމީހުން އެގޭގެތެރެއަށް ވަނުމަށް މަސައްކަތް ކުރިއެވެ ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން އެކަލޭގެފާނުގެ އަރިހަށް ދެވެން ނެތުމުން އެބައިމީހުން އެމީހާ ގޮވައިގެން ފުރާޅު މައްޗަށް އަރާ ފުރާޅުގައި ބާގަނޑެއް ހަދާ މީސްތަކުންގެ މެދުން މިމީހާ އޭނާގެ އަށިގަނޑާއެކު ސީދާ އީސާގެފާނުގެ ކުރިފުޅުމައްޗަށް ތިރިކުރިއެވެ މިބައިމީހުންގެ އީމާންތެރިކަން ދެކެވަޑައިގެން އީސާގެފާނު އެބަލި މީހާއަށް ވިދާޅުވިއެވެ ރަހުމަތްތެރިޔާ ކަލޭގެ ފާފަތައް ފޮހެވިއްޖެ

އެތާތިބި ދީނުގެ ދަންނަ ބޭކަލުންނާއި ފަރީސީނުންގެ ހިތަށްއެރިއެވެ ކުފުރުވެރި ބަސްތައް ބުނާ މިމީހަކީ މީކާކު މާތްރަސްކަލާނގެ ފިޔަވާ ފާފަ ފުއްސެވޭނެ ފަރާތަކީ ކޮބާ

އީސާގެފާނު މިމީހުންގެ ހިތަށް މިއަރާ އެއްޗެތި ދެނެވަޑައިގެން ވިދާޅުވިއެވެ ކަލޭމެން ތިޔަހެން ތިޔަ ހީކުރަނީ ކީއްވެ ކަލޭގެ ފާފަތައް ފޮހެވިއްޖެއޭ ނުވަތަ ތެދުވެ ހިނގާށޭ މީގެ ތެރެއިން މިމީހާއާ ދިމާލަށް ބުނަން ފަސޭހައީ ކީކޭ އިންސާނާގެ ދަރިކަލުންނަށް މިދުނިޔޭގައި މީހުންގެ ފާފަ ފުއްސެވުމުގެ ހައްޤު ލިބިގެން ވާކަން ކަލޭމެންނަށް ތިމަންކަލެގެފާނު މިއަދު ސާބިތު ކޮށްދޭނަން މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ ތެދުވޭ ކަލޭގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ

ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ނަގައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން އޭނާގެ ގެއަށް ހިނގައްޖެއެވެ މިތަނުގައި ތިބި ހުރިހާ އެންމެން މިކަމާ ވަރަށް ބޮޑަށް އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދު ސަނާ ކިއެވެ އެބައިމީހުން ވީ ހައިރާންކަމުގެ ބޮޑުކަމުން ބުންޏެވެ މިއަދު އަހަރުމެންނަށް ހައިރާންވެ އަޖައިބު ވާފަދަ ކަންތައްތަކެއް ފެނިއްޖެ

އީސާގެފާނު ވަޑައިގެންނެވީ ތައުބާގެ މަގު ދެއްކެވުމަށް

މިއަށްފަހު އީސާގެފާނު ވަޑައިގެންނެވި މަގުމަތީ ލެވާއި އޭ ކިޔާ ވާރުފައިސާ ނަގާ މީހަކާއި ބައްދަލުވިއެވެ އޭރު އޭނާ އިނީ މަގުމަތީގައި އޭނާ ވާރުފައިސާ ނެގުމަށް ހަދާފައިވާ އޮފީހުގައެވެ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ އަހަރެންގެ ދަރިވަރަކު ކަމުގައިވުމަށް އަހަރެންނާއި އެކު އާދޭ ހަމަ އެވަގުތު ލެވާއި ހުރިހާ އެއްޗެއް ދޫކޮށްލާފައި ތެދުވެގެން އެކަލޭގެފާނާއި އެކުގައި ދިޔައެވެ

ދެން އޭނާގެ ގޭގައި އީސާގެފާނުގެ ޝަރަފުގައި ބޮޑު ކެއުމެއް ތައްޔާރު ކުރިއެވެ އަދި އެހެން ވެސް ވަރަށް ގިނަ ވާރުފައިސާ ނަގާ މީހުންނާއި އެހެނިހެން މީހުން ވެސް އެ ކެއުމަށް އައެވެ މިތަން ދެކެ ފަރީސީނުންނާއި އެމީހުންގެ ބައިގައި ހިމެނޭ ދީނުގެ ދަންނަބޭކަލުން ހިތްހަމަ ނުޖެހިގެން އެކަލޭގެފާނުގެ އަސްހާބީންނަށް ބުންޏެވެ ކަލޭމެން ވާރުފައިސާ ނަގާ މީހުންނާ ފާފަވެރިންނާއިއެކު އެއްސުފުރާ މަތީ ކައިބޮއި ތިޔަހަދަނީ ކީއްވެ

އީސާގެފާނު އެމީހުންނަށް ޖަވާބު ދެއްވިއެވެ ހަކީމަކު ބޭނުންވަނީކީ ސިއްޙަތު ސަލާމަތުން ތިބޭ މީހުންނަކަށް ނޫން ހަކީމަކު ބޭނުން ވާނީ ބަލި މީހުންނަށް ހަމަ އެފަދައިން އަހަރެން ވެސް މިއައީ ފާފަވެރިންނަށް ތައުބާވުމަށް ގޮވާލުމަށް ތިމާމެންނަކީ ސާލިހު މީހުން ކަމުގައި ހީކުރާ މީހުން ދިންނެވުމަކަށް ނޫން

ރޯދަ އާއި ބެހޭގޮތުން އީސާގެފާނު ވިދާޅުވި ބަސްފުޅު

އެމީހުން އީސާގެފާނާއި ދިމާލަށް ބުންޏެވެ ޔަހުޔާގެފާނުގެ އަސްހާބީން ވެސް އަދި ފަރީސީނުންގެ އަސްހާބީން ވެސް މަހަކު އެތައްފަހަރަކު ރޯދަހިފާ ދުޢާކޮށް ހަދާ އެކަމަކު ކަލޭގެފާނުގެ އަސްހާބީން އެފަދައަކުން ކަންތަކެއް ނުކުރޭ

އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ އަލަތު ކައިވެނި ވާ ފިރިހެނާ އޭނާގެ މެހެމާނުންނާއިއެކު ވަނިކޮށް ކަލޭމެން އޭނާގެ މެހެމާނުން ކައިރީ ނުކައިތިބުމަށް ބުނާނަން ތަ މަޑުކުރޭ އަލަތު ކައިވެނި ވާ ފިރިހެނާ އެމީހުންނާއި ދުރަށް ގެންދެވޭނެ އެދުވަހުން އެމީހުން ދެރަވެ ނުކައިތިބޭނެ

ދެން އެކަލޭގެފާނު އެމީހުންނަށް މި މާނަފުން ވާހަކަތައް ވިދާޅުވެދެއްވިއެވެ އެއްވެސް މީހަކު އާ ހެދުމަކުން ފޮތިގަނޑެއް ވީދާލާފައި ބާ ހެދުމެއްގައެއް ނާޅާނެ އޭރުން އާ ހެދުމެއް ވީދާ ވެސް ލެވުނީ އަދި އާ ފޮތިގަނޑެއް ބާ ހެދުމަކާ ނުގުޅޭނެ އަދި ހަމައެފަދައިން އެކަކުވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެހަން ފޫގޮސް މޭބިސްކަދުރުގެ ދިޔަތައް ފައިބައިގެން ދާނެ އަދި އޭރުން އެހަންވެސް ފަޅަފަޅައިގެން ގޮސް ހަލާކުވާނެ ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް ހަމަ އެކަކުވެސް ފުރިހަމަ ގޮތުގައި ތައްޔާރު ކުރެވިފައިވާ މޭބިސްކަދުރުގެ ދިޔަ ބުއިމަށް ފަހު ރޯ މޭބިސްކަދުރުގެ ދިޔަ ބޭނުމެއް ނުވާނެ އެމީހަކު ބުނާނެ ފުރިހަމަ ގޮތުގައި ތައްޔާރުކުރެވިފައިވާ މޭބިސްކަދުރުގެ ދިޔަ މާމީރު

6

ހަފްތާގެ ދުވަސްތަކުގެ ތެރެއިން އަޅުކަމަށް ޚާއްސަ ކުރެވުނު ދުވަހާއި މެދު އީސާގެފާނު ވިދާޅުވި ބަސްފުޅު

އެއްފަހަރަކު ސަބަތުގެ ދުވަހެއްގައި އީސާގެފާނު ގޮވާން ހެދޭ ދަނޑުތަކުގެ ތެރޭގައި ވާ މަގަކުން ހިންގަވާ ވަޑައިގެންނެވިއެވެ އީސާގެފާނުގެ އަސްހާބީން އެގަސްތަކުން ގޮވާން ބިނދެ ދެއަތް ދެއަތާ ހާކާ ތޮށިނޮޅާލުމަށް ފަހު ކަމުން ގެންދިޔައެވެ ފަރީސީނުންގެ ބަޔަކު އެމީހުންނާއި ސުވާލު ކުރިއެވެ ސަބަތުގެ ދުވަހުގައި ކުރުން މަނާ ކަންތައްތައް ކަލޭމެން ތިޔަކުރަނީ ކީއްވެ

އީސާގެފާނު އެމީހުންނަށް ޖަވާބުދެއްވިއެވެ ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިފުޅުވެ ވަޑައިގެން ކުރެއްވި ކަންތަކުގެ ވާހަކަ ކަލޭމެން ނުކިޔަން ތަ ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރުމަށް ޚާއްސަ ކޮށްފައިވާ މާތް ތަނަށް ވަދެ ހަމައެކަނި އިމާމުން ފިޔަވާ އެހެން އެކަކު ވެސް ކެއުން މަނާ ކޮށްފައިވާ ރޮށި ފަރިއްކުޅުއްވި އަދި އެއިން އެކަލޭގެފާނުގެ އެކުވެރިންނަށް ވެސް ދެއްވި

އީސާގެފާނު ވިދާޅުވިއެވެ އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނަކީ ސަބަތުގެ ވެސް ވެރިސާހިބާ

އަދި ސަބަތުގެ އެހެން ދުވަހެއްގައި އީސާގެފާނު ދީނީމަރުކަޒަކަށް ވަޑައިގެން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް އަންގަވާދެއްވަމުން ގެންދެވިއެވެ އެތާގައި ކަނާއަތް ވާވެފައި ވީ ފިރިހެނަކު ވިއެވެ ފަރީސީނުންނާއި ދީނުގެ ދަންނަބޭކަލުން ތިބީ އީސާގެފާނު ކުށްވެރި ކުރެވޭނެ ކަހަލަ ކަމެއް ފެނޭތޯ ބަލާށެވެ އަދި ސަބަތުގެ ދުވަހެއްގައި އެކަލޭގެފާނު މި މީހާގެ އަތް ރަނގަޅު ކުރޭތޯ ވެސް އެމީހުން ތިބީ ވަރަށް ފަރުވާވެ ބަލާށެވެ އީސާގެފާނަށް މިބައިމީހުންގެ ޚިޔާލުތައް ދެނެވަޑައިގެން އެ އަތް ވާވެފައިވާ މީހާއަށް ވިދާޅުވިއެވެ ތެދުވެ އެންމެންގެ ކުރިމައްޗަށް އާދޭ ދެން މިމީހާ ތެދުވެ އެންމެންގެ ކުރިމަތީ ހުއްޓިއްޖެއެވެ

ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ ސަބަތުގެ ދުވަހުގައި ކުރަން އަންގަވާފައި ވަނީ ރަނގަޅު ކަންތައް ތަ ނުވަތަ ނުބައި ކަންތައް ތަ ފުރާނަ ސަލާމަތް ކުރުން ތަ ނުވަތަ ފުރާނަ ނެތިކޮށްލުންތަ

އީސާގެފާނު ވަށައިގެން އެނބުރިވަޑައިގަތް އެންމެންގެ މޫނުތަކަށް ބައްލަވާ ލެއްވިއެވެ ދެން އަތް ވާވެފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ އަތް ދަމާލާ މިމީހާ އީސާގެފާނު އެވިދާޅުވި ފަދައިން ކަން ކުރިއެވެ ހަމަ އެވަގުތު އޭނާގެ އަތުގައި ބާރުޖެހި މުޅިން ރަނގަޅު ވެގެން ދިޔައެވެ މިކަންތައް ވީ ގޮތް ފެނި ފަރީސީނުންނާއި ދީނުގެ ދަންނަބޭކަލުން ވަރަށް ބޮޑަށް ރުޅިއައެވެ އަދި އީސާގެފާނާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނާ މަޝްވަރާ ކުރަންފެށިއެވެ

ބާރަ އަސްހާބީން

މި ދުވަސްތަކުން ދުވަހެއްގައި އީސާގެފާނު ފަރުބަދަތަކުގެ ތެރެއަށް މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުން މަތީ ރޭގަނޑު ހޭދަކުރެއްވުމަށްޓަކާ ވަޑައިގެންނެވިއެވެ އެކަލޭގެފާނަށް އީމާންވާ އެތައްބަޔަކު ވެސް އެތަނުގެ ވަކި ހިސާބަކަށް އެކަލޭގެފާނުގެ އަރިހުގައި ދިއައެވެ ހެނދުނު ވުމުން އެކަލޭގެފާނު އެމީހުންނަށް ގޮވާ އެތަނަށް ގެނައެވެ އަދި އޭގެ ތެރެއިން ބާރަ މީހަކު އެކަލޭގެފާނުގެ ޚާއްސަ އަސްހާބީންގެ ގޮތުގައި ހޮއްވެވިއެވެ އަދި މި ބާރަ މީހުންނަކީ އެކަލޭގެފާނުގެ ބަސްފުޅުތަކާއިގެން މީސްތަކުންގެ ކައިރިއަށް ފޮނުއްވާނެ މަންދޫބުން ކަމުގައި ހަމަޖެއްސެވިއެވެ މިބާރަ އަސްހާބީންގެ ތެރޭގައި ހިމެނުނީ ފަހުން ބަދުރުއޭ ނަމަކަށް ކިޔުނު ޝަމްއޫނު މި ޝަމްއޫނުގެ ކޮއްކޮ އަންދުރާއި އަދި ޔާމިޒް އާއި ޔަހުޔާ އާއި ފިލިޕު އާއި ބަރުތުލޫމު އާއި މާތިހު އާއި ތޮމާސް އެވެ އަދި ހަލްފާހުގެ ދަރި ޔާމިޒް އާއި އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާވެ ފަރުވާ ބަހައްޓާ ޝަމްއޫނުއެވެ އަދި ޔައުގޫބު ގެ ދަރި ޔުދާސް އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ މި އިސްކަރިޔޮތުގެ ޔުދާސް ފަހުން ވީ ޚިޔާނަތްތެރިއަކަށެވެ

މާތްރަސްކަލާނގެ ދެއްވާ ނިޢުމަތާއި މެދު އީސާގެފާނު ވިދާޅުވި ބަސްފުޅުތައް

އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްހާބީންނާއިއެކު އުސް ބިމުން ފައިބާވަޑައިގެން ހަމަ ބިމަށް ތިރިއަށް ވަޑައިގެންނެވިއެވެ އެކަލޭގެފާނަށް އީމާންވާ އިތުރު އެތައް އަސްހާބީންނެއް ވެސް އެތާގައި ވިއެވެ އަދި އޭގެ އިތުރުން ޖުދެއާ ކަރައިންނާއި ޖެރޫސަލަމުންނާއި ދުރު ރަށްތައް ކަމުގައިވާ ތޫރުންނާއި ޒިދޯނުން ވެސް އެތައް ބައިވަރު ބަޔަކު އެތަނަށް އެއްވެފައި ވެއެވެ މިމީހުން އެތަނަށް އައީ އީސާގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށާއި އެމީހުންގެ ބަލިތަކުން ފަސޭހަ ވުމަށް އެދިއެވެ ޖިންނިންގެ ސަބަބުން މީހުންނަށް ޖެހިފައިވާ ބަލިތައް ވެސް އެދުވަހު އެތާގައި ފަސޭހަ ކުރެވުނެވެ އެންމެން އެކަލޭގެފާނުގެ ގައިކޮޅުގައި އަތްލުމަށްޓަކާ މަސައްކަތް ކުރަމުން ދިޔައެވެ އެކަލޭގެފާނުގެ ހަށިކޮޅުގައި ވީ މަތިވެރި ބާރުފުޅުގެ ސަބަބުން އެންމެންގެ ބަލިތަކަށް ޝިފާ ލިބެމުން ދިޔައެވެ

އީސާގެފާނު އެކަލޭގެފާނުގެ އަސްހާބީންނަށް ބައްލަވާ ވިދާޅުވިއެވެ ކަލޭމެންގެ ތެރެއިން ފަޤީރުންނަށް ބަރަކާތް ހުރި މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކަލޭމެންނަށް ކަލޭމެންގެ ތެރެއިން ބަނޑުހައި ހޫނު ކަމުގައި ތިބި މީހުންނަށް ބަރަކާތް ހުރި ކަލޭމެންގެ ހިތް ފުރެންދެން ލިބޭނެ ކަލޭމެންގެ ތެރެއިން ހިތާމަކުރާ މީހުންނަށް ބަރަކާތް ހުރި އަދި ކަލޭމެން އުފާކުރާނެ އިންސާނާގެ ދަރިކަލުންގެ ސަބަބުން މީހުން ކަލޭމެންގެ މައްޗަށް ރުޅިއަރާ އެމީހުންގެ ތެރޭ ބައިވެރި ނުކޮށް ކަލޭމެންނާ ދިމާލަށް ހަޑިހުތުރު އެއްޗިހި ކިޔާ އަދި ކަލޭމެންނަކީ ނުބައިމީހުން ކަމަށް ބަލާނެ މިފަދައިން ކަލޭމެންނާ ދޭތެރޭ މީހުން ކަންތައް ކުރާ ހިނދު ކަލޭމެންގެ މައްޗަށް ރަހުމަތްލެއްވިގެން ވޭ އެގޮތަށް ކަންތައްތައް ހިނގައިދާ ދުވަހުން ކަލޭމެން އުފަލުންނަށާ ހަދާ އެއީ މާތްރަސްކަލާނގެ ކަލޭމެންނަށް މަތިވެރި އިނާމެއް ދެއްވާނެ ކަލޭމެންނާއި ދޭތެރޭ އެފަދައިން ކަންތައް ކުރާ މީހުންގެ ކާބަފައިން ރަސޫލު ބޭކަލުންނާއި ދޭތެރޭ ވެސް ކަންތައްތައް ކުރީ ހަމަ އެފަދައިން

ނަމަވެސް ކަލޭމެންގެ ތެރެއިން މުއްސަނދިންނަށް ހިތާމަ ހުރި އެއީ އެމީހުންނަށް ލިބެން ވީ ހުރިހާ އަރާމާއި އުފަލެއް އެވަނީ ލިބިފަ ކަލޭމެންގެ ތެރެއިން ރަނގަޅަށް ކާން ލިބި ބަނޑުފުރިފައިވާ މީހުންނަށް ހިތާމަ ހުރި އެއީ އެމީހުން ވާނީ ބަނޑުހައި ހޫނުކަން މަތީގަ އަދި މިއަދު ހީ އުފާކުރާ މީހުންގެ މައްޗަށް ހިތާމަ ހުރި އެއީ ފަހުން އެމީހުން ހިތާމަކޮށް ކަރުނަ އަޅަން ޖެހޭނެތީ މީހުން ކަލޭމެންގެ މައްޗަށް ހުޝާމިދުކޮށް ކަލޭމެންގެ ރަނގަޅު ވާހަކަތައް ދައްކާ ހަދަނީނަމަ ކަލޭމެންގެ މައްޗަށް ހިތާމަ ހުރި އެއީ އެފަދަ މީހުންގެ ކާބަފައިން ދޮގު ރަސޫލުންނާއިމެދު ވެސް ރަނގަޅު ވާހަކަތައް ދައްކާ ހެދި

ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ

އީސާގެފާނު ވިދާޅުވިއެވެ އަހަރެންގެ ބަސްތައް އަޑުއަހާ މީހުންނަށް ބުނަން ކަލޭމެންގެ އަދާވާތްތެރިން ދެކެ ލޯބިވޭ ކަލޭމެންނަށް ނުބައިކޮށް ހިތާ ކަލޭމެންގެ މައްޗަށް ނަފުރަތުކުރާ މީހުންނަށް ހެޔޮކޮށް ކަންތައް ކުރޭ ކަލޭމެންނަށް ބަދުދުޢާ ކުރާ މީހުންނަށް ރަހުމަތް ލެއްވުމަށް އެދޭ ކަލޭމެންނަށް އިހާނެތިކޮށް ކަންތައް ކުރާ މީހުންނަށްޓަކާ ހެޔޮ ދުޢާކުރޭ ކަލޭގެ އެއްކަންކަށި މަތީ މީހަކު ޖަހައިފި ނަމަ އެނބުރިފައި އަނެއް ކަންކަށި ވެސް ޖަހަން ދައްކާ މީހަކު ކަލޭގެ ކޮނޑުގައި އޮތް ސާލު އަތުލައިފި ނަމަ އެމީހަކު ކަލޭ ލައިގެން ހުރި ގަމީސް އަތުލުމަށް ވެސް ހުރަސް ނާޅާ ކަލޭގެ ކިބައިން އެއްޗަކަށް އެދޭ ކޮންމެ މީހަކަށް އެއެއްޗެއް ދީ އަދި ކަލޭގެ އެއްޗެއް އެހެން މީހަކު އަތުލައިފި ނަމަ އެއެއްޗެއް އަނބުރާ ދިނުމަށް ނޭދޭ ކަލޭމެން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުންގެ ފަރާތުން ކަލޭމެންނާއި ދޭތެރޭ ވެސް ކަންތައް ކުރުމަށް އެދޭ ފަދައިން

ކަލޭމެން ހަމައެކަނި ކަލޭމެންގެ މައްޗަށް ހަމްދަރުދީ ވާ މީހުން ދެކެ ލޯބިވާ ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް ފާފަވެރިން ވެސް އެމީހުންގެ މައްޗަށް ހަމްދަރުދީ ވާ މީހުން ދެކެ ލޯބިވޭ ހަމައެކަނި ކަލޭމެންނަށް ހެޔޮކޮށް ހިތާ މީހުންނާ މެދު ކަލޭމެން ރަނގަޅަށް ކަންތައް ކުރާ ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް ފާފަވެރިންވެސް އެފަދައިން ކަންތައް ކުރޭ އަދި ކަލޭމެން މީހުންނަށް އެއްޗެތި ދީ އުޅެނީ އެމީހުން އަތުން ވެސް އެފަދައިން އަނބުރާ ލިބޭނެކަމުގެ އުންމީދުގައި ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް ފާފަވެރިން ވެސް ދޭ އެއްޗެއްގެ އަގު އަނބުރާ ބަރާބަރަށް ލިބޭނެކަމުގެ އުންމީދުގައި އެހެން ފާފަވެރިންނަށް އެއްޗެތި ދީ އުޅޭ ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ އިނާމު ބޮޑުވާނެ އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ ކަލޭމެންގެ ބައްޕާފުޅު އޯގާތެރި ވެވޮޑިގެންވާ ފަދައިން ކަލޭމެން ވެސް އޯގާތެރިވޭ

މީހުންނާ ދޭތެރޭ ފާޑު ނުކިޔާ

އެހެން މީހުންގެ ނުރަނގަޅުކަމާއި މެދު ވާހަކަދައްކާ ފާޑު ނުކިޔާ އެއިރުން ކަލޭގެ ނުރަނގަޅުކަން ބަލާފައި އެކަމާ މެދު ވެސް ފާޑެއް ނުކިޔޭނެ އެހެން މީހުން ކުށްވެރި ނުކުރޭ އެއިރުން ކަލޭ ވެސް ކުށްވެރިއެއް ނުކުރެވޭނެ ކަލެއާ ދޭތެރޭ އެހެން މީހުން ކުރާ ނުބައި ކަންތަކަށް މައާފްކޮށް އެކަންތައް ހިތުން ފޮހެލަންޏާ މާތްރަސްކަލާނގެ ވެސް ކަލެއާ ދޭތެރޭ ކަންތައް ކުރައްވާނީ އެފަދައިން ދީލަތިވޭ އެއިރުން މާތްރަސްކަލާނގެ ކަލެއަށް ދީލަތިވެ ވޮޑިގެން ވާނެ ފުރި ބާރުވެ ބަންޑުން ވަމުންދާ ނާޅިއަކުން ކަލެއަށް މިނެ ދެއްވާނެ ކަލޭ މިނި ނާޅިއަކުން އެކަލާނގެ ވެސް ކަލެއަށް މިނެ ދެއްވާނެ

އަދި އީސާގެފާނު މި މާނަ ވީ ވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ ލޯ އަނދިރި މީހަކަށް އެހެން ލޯ އަނދިރި މީހަކަށް މަގު ދެއްކިދާނެތަ ދާ މަގުމަތީގައިވާ ވަޅަކަށް އެދެމީހުން އެކުގައި ވެއްޓޭނެކަން ޔަޤީން ދަރިވަރަކު އޭނާގެ މުދައްރިސަށް ވުރެ މޮޅެއް ނުވާނެ ނަމަވެސް ފުރިހަމައަށް ތަމްރީނު ލިބުމުން އޭނާގެ މުދައްރިސާ އެއްވަރަށް މޮޅުވާނެ

ކަލޭމެން އަނެކާގެ ލޮލުގައި އިން ކުނޑިކޮޅެއް ފެނިގެން އެއާމެދު ކަންބޮޑުވާ އިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ބޮޑު ވަކަރުގަނޑާ ދޭތެރޭ ކަންބޮޑު ނުވަނީ ކީއްވެ ކަލޭގެ އަޚާއާއި ދިމާލަށް އޭނާގެ ލޮލުގައި ވާ ކުނޑިކޮޅު ނަގަން ދައްކާށޭ ބުނާއިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ވަކަރުގަނޑު ކަލެއަށް ނުފެންނަނީ ކީއްވެ އޭ ދެފުށްދެގޮތް މީހާ އެންމެފުރަތަމަ ކަލޭގެ ލޮލުގައި ތިއޮތް ވަކަރުގަނޑު ނަގާ އޭރުން ކަލޭގެ އަޚާގެ ލޮލުގައި ވާ ކުނޑިކޮޅު ނެގުމަށް ކަލެއަށް ސާފުކޮށް ފެންނާނެ

ތަފާތު ދެގަހެއް

ފޮނި މޭވާ އަޅާ ގަހެއްގައި ހިތި މޭވާއެއް ނާޅާނެ ފަދައިން ހިތި މޭވާ އަޅާ ގަހެއްގައި ފޮނި މޭވާއެއް ވެސް ނާޅާނެ ގަހަކުން ލިބޭ ފައިދާ އެނގޭނީ އެގަހެއްގައި އަޅާ މޭވާއެއްގެ ގޮތުން ކަށި ގަހަކުން މީހަކަށް ވައްތީންޏެއް ނުބިނދެވޭނެ އަދި ކަށި ވެލަކުން މޭބިސްކަދުރެއް ވެސް ނުލިބޭނެ ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް

ދެގެއެއް އެޅި ދެމީހަކު

ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާތަބު ކުރޭ ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ އަހަރެން ކައިރިއަށް އައިސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުކޮށް އުޅޭ މީހެއްގެ މިސާލު ބުނަން ތަ އޭނާއަކީ ބިން ފުންކޮށް ކޮނެ ވަރުގަދަ ބިންގަލެއް އަޅާ އޭގެމަތީ ގެއެއް ބިނާކުރި މީހާގެ މިސާލު ކަނޑު ގަދަވެ ރާޅު އަރައި ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް އައި ނަމަވެސް އެގެ ބިނާ ކުރެވިފައި ވަނީ ރަނގަޅަށް ކަމުން އެގެއަކަށް ގުޑުމެއް ނޭރި ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ

7

ރޫމުގެ ސިފައިންގެ މީހުންގެ ތެރެއިން މަތީ މީހެއްގެ އީމާންކަން

އީސާގެފާނު އެތާގައި ވީ މީސްތަކުންނަށް މިބަސްފުޅުތައް ވިދާޅުވެދެއްވުމަށް ފަހު އެތަނުން އެނބުރި ކަޕަރުނައުމް އަށް ވަޑައިގެންނެވިއެވެ އެރަށުގަވީ ރޫމުގެ ސިފައިންގެ މަތީ މީހެއްގެ ނޯކަރުންގެ ތެރެއިން އޭނާއަށް ވަރަށް މުހިންމު އިތުބާރު ކުރެވޭ ނޯކަރަކު ވަރަށް ބޮޑަށް ބަލިވެ މަރަށް ހާޒިރު ވެފައި ވިއެވެ މި ސިފައިންގެ މީހާއަށް އީސާގެފާނާ ބެހޭގޮތުން ޚަބަރުލިބުމުން އޭނާ އެހިސާބުގެ ބަނީއިސްރާއީލުގެ ދީނުގެ ބޮޑުންގެ ތެރެއިން ޚާއްސަ ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވާ އޭނާގެ ގެއަށް ވަޑައިގެން އެނޯކަރުގެ ބަލި ފަސޭހަ ކޮށްދެއްވުމަށް އެދުނެވެ މިބައިމީހުން އީސާގެފާނުގެ އަރިހަށް ގޮސް އާދޭހާ އެކު މިމީހާއަށް މިކަން ކޮށްދެއްވުމަށް އެދި ދެންނެވިއެވެ އެމީހުން ބުންޏެވެ މިމީހާއަށް ކަލޭގެފާނުގެ ފަރާތްޕުޅުން އެހީތެރިކަން ލިބުން ހައްޤު ވޭ މިމީހާއަކީ އަހަރުމެންނާއި އަހަރުމެންގެ ޤައުމު ދެކެ ލޯބިވާ މީހެއް އޭނާ އަހަރުމެންނަށް ދީނީމަރުކަޒެއް ވެސް ވަނީ ބިނާކޮށްދީފަ އީސާގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ

އެކަލޭގެފާނު އެގެއާއި ވަރަށް ކައިރިވެ ވަޑައިގެންފައި ވަނިކޮށް މި ރޫމުގެ ސިފައިންގެ މީހާ އޭނާގެ އެކުވެރިންގެ ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް މިފަދައިން ދެންނެވުމަށް ފޮނުއްވިއެވެ މާތްސާހިބާ ކަލޭގެފާނު އަޅުގަނޑަށްޓަކާ ތިޔަވަރުގެ ބުރައެއް ފުއްލަވަން ނޫޅުއްވާ އަޅުގަނޑަކީ ތިޔަވަރުގެ ޝަރަފެއް ހައްޤުވާ ވަރުގެ ރަނގަޅު މީހަކީމެއްނޫން އަދި އަޅުގަނޑަކީ އަޅުގަނޑުގެ ގެއަށް ކަލޭގެފާނު ވަޑައިގަތުމުގެ ގަދަރު ލިބުން އެކަށީގެންވާ މީހެއްވެސް ނޫން އަދި އަޅުގަނޑަކީ ކަލޭގެފާނުގެ އަރިހަށް އައުމަށް ވެސް އެކަށީގެންވާ މީހަކީމެއްނޫން ކަލޭގެފާނު ހަމައެކަނި އަމުރުފުޅު ކުރައްވާ ބަސްފުޅު ވިދާޅުވަނިކޮށް އަޅުގަނޑުގެ ނޯކަރު ރަނގަޅު ވާނެ ކަން އަޅުގަނޑަށް އެނގޭ އެއީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ވާ މީހަކީން ހަމައެފަދައިން އަޅުގަނޑުގެ ދަށުގައި ވާ މީހުންނަށް އަޅުގަނޑު ވެސް ދާން އެންގުމުން އެމީހުން ދޭ އަދި އަންނަން އެންގުމުން އެމީހުން އާދޭ އަޅުގަނޑުގެ ނޯކަރުންނަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުން އެމީހުން އެކަމެއް ކުރޭ

އީސާގެފާނަށް އިވިވަޑައިގެން ރޫމުގެ ސިފައިންގެ މީހާގެ މިބަސްތަކުގެ ސަބަބުން އީސާގެފާނު ހައިރާންވެ ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ މިފަދަ މަތިވެރި އީމާންކަމެއް މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް އަހަރެން ނުދެކެން ރޫމުގެ ސިފައިންގެ މީހާ ފޮނުވި މީހުން އެނބުރި އޭނާގެ ގެއަށް ދިޔައިރު އެސިފައިންގެ މީހާގެ ނޯކަރުވަނީ އޭނާއަށް ޖެހިފައި ވީ ބޮޑު ބަލިން ގަދަވެ މުޅިން ފަސޭހަވެ ރަނގަޅުވެފައެވެ

އީސާގެފާނު މަރުވެފައިވާ މީހަކު ފުރާނަ އެޅުއްވުން

އެއަށް ފަހު އީސާގެފާނު ނާޔިން އޭ ކިއުނު ރަށަށް ވަޑައިގެންނެވިއެވެ އެކަލޭގެފާނުގެ އަސްހާބީންނާއި އަދި އެހެން ވެސް އެތައް ގިނަ މީސްތަކުންނެއް އެކަލޭގެފާނާއި އެކުގައި ވިއެވެ އެކަލޭގެފާނު އެރަށުގެ ދޮރާށި ކައިރިއަށް ވަޑައިގަތް ހިނދު އެތަނުން ބޭރަށް ނުކުންނަ ބަޔަކު މީހުންނާ ދިމާވިއެވެ އެބައިމީހުންނީ މަރުވެފައިވާ މީހަކު ވަޅުލުމަށްޓަކައި ދިޔަ ބައެކެވެ މަރުވެފައިވާ މީހާއަކީ ފިރިމަރުވެފައިވާ އަންހެނެއްގެ ވީ އެންމެ ފިރިހެން ދަރިފުޅެކެވެ އެރަށުގެ އެތައް ބަޔަކު މިއަންހެން މީހާ އާއި އެކުގައި ވިއެވެ މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ ނުރޯށޭ

ދެން އީސާގެފާނު ވަޑައިގެން ސަންދޯކުގެ މަތީގައި އަތްޕުޅު ބޭއްވެވުމާއިއެކު ސަންދޯއް އުފުލަމުންދިޔަ މީހުން ހުއްޓިއްޖެއެވެ ދެން އީސާގެފާނު މަރުވެފައިވާ މީހާއަށް ވިދާޅުވިއެވެ އޭ ޒުވާނާ ތެދުވޭ މަރުވެފައި ވީ ޒުވާނާ ތެދުވެ ވަގުތުން ވާހަކަދައްކަން ފެށިއެވެ އެހިނދު އީސާގެފާނު އޭނާ އޭނާގެ މަންމަޔާ ހަވާލު ކުރެއްވިއެވެ

މިތަން ދެކެފައި އެތާގައި ވީ ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ ކައުއިތުރު ނަބީ ބޭކަލަކު އަހަރުމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކާ މިދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަހުމަތްލައްވަވަން ފައްޓަވާފި

އީސާގެފާނު ކުރެއްވި ކަންތަކުގެ މިޚަބަރު މުޅި ޖުދެއާ އާއި އަދި ކައިރީގައި ވާ އެހެން ރަށްތަކަށް ވެސް ފެތުރިގެން ހިނގައްޖެއެވެ

ޔަހުޔާގެފާނު އީސާގެފާނާއި ސުވާލުކުރެއްވުން

ޔަހުޔާގެފާނުގެ އަސްހާބީން މި ހުރިހާ ވާހަކައެއް ޔަހުޔާގެފާނަށް ކިޔާދެއްވިއެވެ ދެން ޔަހުޔާގެފާނު އޭގެތެރެއިން ދެ މީހަކު މާތްސާހިބާގެ އަރިހަށް މި ސުވާލު ކުރެއްވުމަށް ފޮނުއްވިއެވެ ކަނޑައަޅުއްވާ ނިންމަވާފައިވާ ފަދައިން މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީހާއަކީ ތިޔައީ ތޯ އޭ ނޫނީ އަޅުގަނޑުމެން އެކަލޭގެފާނަށްޓަކާ އިތުރަށް އިންތިޒާރުކުރަންވީ ތޯ އޭ

މި މީހުން އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ އަޅުގަނޑުމެން މިއައީ ޔަހުޔާގެފާނު ވިދާޅުވުމުން ކަލޭގެފާނާއި މިސުވާލު ކުރުމަށް އެއީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީހާ އަކީ ތިޔައީ ތޯ އޭ ނުވަތަ އަޅުގަނޑުމެން އެކަލޭގެފާނުގެ އިންތިޒާރުގައި ތިބެންވީ ތޯ އޭ

އީސާގެފާނު ހަމަ އެވަގުތުމެ އެތައް ބައެއްގެ ބަލިތައް ފަސޭހަކޮށް ދެއްވަމުން ގެންދެވިއެވެ އެކަލޭގެފާނު ޖިންނިންގެ ސަބަބުން ބަލިތައް ޖެހިފައިވާ މީހުންނަށް ރަނގަޅު ކުރައްވާ ލޯއަނދިރި މީހުންގެ ލޮލަށް އަލިކަން ދެއްވިއެވެ އީސާގެފާނާއި އެސުވާލު ކުރަން އައި މީހުންނަށް އެކަލޭގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ ކަލޭމެން ގޮސް ޔަހުޔާގެފާނަށް ކަލޭމެންނަށް ތިޔަފެނުނު ކަންތަކާއި އަޑުއިވުނު ވާހަކަތަކުގެ ޚަބަރު ދީ ލޯއަނދިރި މީހުންނަށް ލޮލުގެ އަލިކަން ލިބި ނުހިނގޭ މީހުންނަށް ހިނގި ޖިޒާމު ބަލި ޖެހިފައިވާ މީހުންނަށް ފަސޭހަވެ ބީރު މީހުންނަށް އަޑުއިވި މަރުވެފައިވާ މީހުން ދިރުއްވާ ނިކަމެތިންނަށް އެންމެ އުފާވެރި ޚަބަރު ދެވިއްޖެ އަހަރެން ކުރަމުންމިދާ ކަންތައްތައް އަހަރެން ކުރަންޖެހޭ ކަންތައްތައްތަކާ މުޅިން ތަފާތު ކަމުގައި ބައެއް މީހުން ދެކޭ ނަމަވެސް އަހަރެން މިކުރަމުންދާ ކަންތައްތައް ދެކެ އެކަންތައްތަކާ ރުހި އަހަރެންގެ މައްޗަށް އީމާންވާ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާނެ

ޔަހުޔާގެފާނުގެ ފަރާތްޕުޅުން އީސާގެފާނާއި ސުވާލު ކުރުމަށް އައި މީހުން އެނބުރި ދިއުމުން އީސާގެފާނު އެތަނަށް އެއްވެފައިވާ މީސްތަކުންނަށް ޔަހުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ ކަލޭމެން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ހޭ ނޫނީ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ދުށުމަށް ތަ ނޫން އަގުބޮޑެތި ހެދުން އަޅައިގެން މުއްސަނދި ކަމުގައި އުޅޭ މީހުން ތިބޭނީ ގަނޑުވަރު ތަކުގަ ކަލޭމެން އެތަނަށް ދިޔައީ ކާކު ދުށުމަށް ތަ އެތަނަށް ކަލޭމެން ދިޔައީ ރަސޫލުބޭކަލަކު ދުށުމަށް ތަ އާނ އެބޭކަލަކީ ރަސޫލަކަށް ވުރެވެސް މަތިވެރި ބޭކަލެއް އެއީ އެބޭކަލަކާއި މެދު މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި މިފަދައިން ލިޔެވިގެންވާ ބޭކަލެއް ތިމަންސުވާމީންގެ ތިމަންސުވާމީންގެ ރަސޫލާ ކަލޭގެފާނުގެ ކުރިން ފޮނުއްވާނަމޭ އެކަލޭގެފާނު ކަލޭގެފާނަށްޓަކާ މަގު ތައްޔާރު ކުރައްވާނެ އޭ އަހަރެން ބުނަން ތަ މިދުނިޔޭގައި ވާ ހުރިހާ އިންސާނުންގެ ތެރޭގައި ވެސް ޔަހުޔާގެފާނު ފަދަ މަތިވެރި އެހެން މީހަކު ނުވޭ ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދަށުގައި އެންމެ ކުޑަ ގޮތަކަށް ހިމެނޭ މީހާވެސް އެކަލޭގެފާނަށް ވުރެ މަތިވެރި ވެގެން ވޭ

އެތަނުގައި ވީ ހުރިހާ އެންމެން ވާރުފައިސާ ނަގާ މީހުންނަށް ދާންދެން އީސާގެފާނުގެ ވާހަކަފުޅުތަކުގެ އަޑުއަހާ މާތްރަސްކަލާނގެ އެންގެވި މަގު އެއީ ރަނގަޅު ގޮތް ކަމުގައި ޤަބޫލުކުރިއެވެ އެއީ އެމީހުންނަކީ ޔަހުޔާގެފާނު ތައުބާގެ ހިނެވުމުން ހިނައި ދެއްވައިފައިވާ މީހުންނެވެ ނަމަވެސް ފަރީސީނުންނާއި ދީނުގެ ދަންނަބޭކަލުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްކެވި މަގަށް ފުރަގަސް ދިނެވެ މިމީހުން ޔަހުޔާގެފާނާއި އެކު ތައުބާގެ ހިނެވުމުން ހިނައެއް ނުގަނެއެވެ

އީސާގެފާނު ވިދާޅުވިއެވެ ވީއިރު މި ޒަމާނުގެ މީހުންނާ ދޭތެރޭ އަހަރެން ބުނާނީ ކީކޭ އެމީހުންނަކީ ކޮންކަހަލަ ބައެއް އެމީހުންނެކޭ ބާޒާރުމަތީ ކުޅެން އުޅޭ ކުދިންނެކޭ އެއްގޮތް އެމީހުން އެކަކު އަނެކަކަށް ގޮވާލާނެ އަހަރުމެން ކަލޭމެންނަށްޓަކާ ޝެހެނާއީ ފުމެދިނީމޭ އެކަމަކު ކަލޭމެން ނުނެށިއޭ އަހަރުމެން ހިތާމަވެރި ލަވައެއް ކަލޭމެންނަށް ކިޔާދިނީމޭ އެކަމަކު ކަލޭމެން ނުރުޔޭ ޔަހުޔާގެފާނު ވެސް ފަރިއްކުޅުއްވާ އުޅުނީ އާދައިގެ މީހުން ކައި ބޮއި އުޅޭ ކެއުމެއް ނޫން އެހެންވެ ކަލޭމެން ތިޔަ ބުނަނީ އެކަލޭގެފާނާއި އެވަނީ ޖިންނިއެއް އަވަލާފައި ކަމަށް އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އެހެން އެންމެންނެކޭ އެއްގޮތަށް ކައިބޮއި އުޅެން އެހެންކަމުން ކަލޭމެން އަހަރެންނާއި ދިމާލަށް ތިޔަބުނަނީ އަހަރެންނަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ އަދި ފާފަވެރިންނާއި ވާރުފައިސާ ނަގާ މީހުންގެ އެކުވެރިއެކޭ ނަމަވެސް ބުއްދިވެރި ކަމަކީ ރަނގަޅު އެއްޗެއްކަން ބުއްދިއެއް ހުރި ކޮންމެ މީހަކުވެސް ޤަބޫލު ކުރާނެ

ފާފައިގެ ދިރިއުޅުން ދޫކޮށްލާ ތައުބާވި އަންހެނަކު އީސާގެފާނަށް ހިތި ކަމޭހިތުން

ފަރީސީނުންގެ މީހަކު އީސާގެފާނަށް ކެއުމަށް ދަޢުވަތު ދިނެވެ އެހެންކަމުން އީސާގެފާނު އެގެއަށް ވަޑައިގަތް މޭޒުދޮށުގައި އިށީނދެ ވަޑައިގެންނެވިއެވެ އެ އަވަށުގައި އުޅުނު ފާފަވެރި ދިރިއުޅުމެއް އުޅެފައިވާ އަންހެނަކަށް އީސާގެފާނު އެ ފަރީސީނުންގެ ގެއަށް ކެއުމަށް ވަޑައިގެންނެވި ޚަބަރު ލިބިގެން ވަރަށް އަގުބޮޑު އަތަރެއް އަޅާފައިވާ ކުރިކީލަ ފުޅިއެއް ހިފައިގެން އެގެއަށް ދިޔައެވެ މި އަންހެންމީހާ އެކަލޭގެފާނުގެ ފުރަގަހުގައި ހުރެ ގިސްލަ ގިސްލާފައި ރޯން ފަށައިފިއެވެ އަދި އެކަލޭގެފާނުގެ ފައިތިލަފުޅު އޭނާގެ ކަރުނައިން ތެތްމާލިއެވެ ދެން އޭނާ އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިތިލަފުޅު ފޮހެދިނެވެ ދެން އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސް ދީ އޭނާ ގެނައި އަގުބޮޑު އަތަރުފުޅި އެކަލޭގެފާނުގެ ފައިތިލަފުޅު މައްޗަށް އޮއްސާލިއެވެ

އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުންގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ

އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ ޝަމްއޫނު އަހަރެން ކަލޭ ކައިރީގައި ބުނަން އޮތް ވާހަކައެއް އެބައޮތް ޝަމްއޫނު ޖަވާބުގައި ބުންޏެވެ އެދުރުކަލޭގެފާނު އަވަހަށް ވިދާޅުވެ ދެއްވާ

ދެން އީސާގެފާނު ވިދާޅުވިއެވެ ލޯނު ދޫކުރާ މީހަކަށް ދަރާފައިވާ ދެމީހަކު ވި އެކަކު އޭނާއަށް ދަރައިފައި ވަނީ ފަސް ސަތޭކަ ދީނާރަށް އަނެކަކު ފަންސާސް ދީނާރަށް މީގެން އެކަކަށް ވެސް މި ލާރި އަނބުރާ ދެވޭކަށް ނެތް އެހެންވެ މި ލޯނުދޫކުރާ މީހާ މިދެމީހުންގެ ދަރަނި ކަނޑާލަ ދިން މިހެން ކަންތައް ވީހިނދު މީގެތެރެއިން ލޯނުދޫކުރާ މީހާ ދެކެ ބޮޑަށް ލޯބިވެ ޝުކުރުވެރިވާނީ ކާކު

ޝަމްއޫނު ޖަވާބުދިނެވެ އަޅުގަނޑަށް ހީވަނީ އޭގެތެރެއިން ބޮޑަށް ދަރާ އޮތް މީހާ ހެން

އީސާގެފާނު ވިދާޅުވިއެވެ ކަލޭތިޔަ އިންސާފުކުރީ ރަނގަޅަށް

ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކިބަލަ އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއްވެސް ނުދޭ ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން ކަލޭ އަހަރެންނާއި ސަލާންކުރުމުގެ ގޮތުން ސަލާމުގެ ބޮހެއް ވެސް ނުދޭ ނަމަވެސް އަހަރެން މިގެއަށް ވަނީއްސުރެ މިއަންހެން މީހާ އަހަރެންގެ ފައިގައި ބޮސްދިނުން ހުއްޓާނުލާ ކަލޭ އަހަރެންގެ ބޮލުގައި ލުމަށް ތެޔޮފޮދެއް ވެސް ނުދޭ އެކަމަކު މީނާ އަހަރެންގެ ފަޔަށް އަތަރު އަޅައިދިން އަހަރެން ބުނަން ތަ އޭނާގެ ކިބައިގައި ވީ ފާފަތަކަކީ ގިނަފާފަތަކެއް ނަމަވެސް އޭނާގެ ފާފަތައް ފުއްސަވައިފި އޭނާގެ ކިބައިން އެފެނުނު މަތިވެރި ލޯތްބަކީ އެކަމުގެ ނިޝާން ނަމަވެސް މަދު ފާފަތައް ފުއްސަވައި ދެއްވޭ މީހަކު ލޯބި ވާނީ ވެސް މަދުން

ދެން އީސާގެފާނު އެ އަންހެން މީހާއަށް ވިދާޅުވިއެވެ ކަލޭގެ ފާފަތައް ފުހެވިއްޖެ

އެގޭގައި ވީ އެހެން މެހެމާނުން މިތަން ދެކެ ބުންޏެވެ މިއީ މީހުންގެ ފާފަތައްވެސް ފުއްސަވާ ދެވޭ ވަރުގެ މީހެއް އަނެއްކާ މިއީ ކާކުބާ

އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި ހިތްހަމަޖެހިގެން ދޭ

8

އީސާގެފާނުގެ އަސްހާބީންގެ ތެރޭގައި ހިމެނުނު ބައެއް އަންހެނުން

މިއަށްފަހު އީސާގެފާނު ދަތުރު ކުރައްވާ ކައިރި ހިސާބުތަކުގެ ރަށްތަކަށާއި އަވަށްތަކަށް ވަޑައިގެންނެވިއެވެ އަދި އެރަށްތަކާއި އަވަށްތަކުގެ މީސްތަކުންނަށް އެބައެއްގެ މައްޗަށް ވެރިކަން ކުރައްވާ ފަރާތަކީ މާތްރަސްކަލާނގެ ރަސްކަންފުޅުކަން ޤަބޫލުކޮށް އީމާންވާ މީސްތަކުންނަށް ހުރި އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ އެތާގައި އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްހާބީންވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ އަދި އޭގެ އިތުރުން އީސާގެފާނު ބަލިތަކުން ހެޔޮ ކޮށްދީ ޖިންނިންގެ ފަރާތުން ސަލާމަތް ކޮށްދިން ބައެއް އަންހެނުންވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ މިއަންހެނުންގެ ތެރެއިން އެކަކީ މަގްދަލޭނާގެ މީހެއްކަމުގައި ވީ މަރިޔަމް އެވެ އީސާގެފާނު ވަނީ މި މަރިޔަމް ހަތް ޖިންނިންގެ ފަރާތުން މިންޖު ކޮށްދެއްވާފައެވެ އެކަލޭގެފާނާއި އެކު އެދަތުރުގައި ވަޑައިގެންނެވި އަނެއް އަންހެނަކީ ހެރޮދު ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ ކަންތައް ބަލަހައްޓާ މީހާ ކަމުގައި ވީ ޗުޒާގެ އަންހެނުން ޔޮއަންނާއެވެ އަދި ސުޒަންނާ އޭ ކިޔުނު އަންހެނަކާ އެހެންވެސް އިތުރު މީހުން އެކަލޭގެފާނާއި އެކު ވިއެވެ މިއަންހެނުން އެމީހުންގެ އަމިއްލަ އެއްޗިއްސާ ފައިސާއިން އީސާގެފާނަށާއި އެދަތުރުގައި ހިމެނުނު މީހުންނަށް އެހީވެދިނެވެ

ހަތަރު ވައްތަރެއްގެ ގޮވާން ކުރާ އޮށާއި މެދު ވިދާޅުވި މާނަފުން ވާހަކަ

އެއްދުވަހަކު ގިނަ އަދަދެއްގެ މީސްތަކުން އެކި ރަށްރަށުން އީސާގެފާނުގެ އަރިހަށް އައެވެ އީސާގެފާނު އެބައިމީހުންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް ހާމަ ކޮށް ދެއްވުމަށްޓަކާ މި މާނަފުން ވާހަކަ ކިޔާދެއްވިއެވެ އެއްދުވަހަކު ދަނޑުވެރިއަކު އޭނާގެ ދަނޑުގައި ގޮވާން ކުރުމަށް އޮށް އިންދުމަށްޓަކާ ދިޔަ އޭނާ އެ އޮށްތައް އުކަމުން ދިޔައިރު ބައެއް އޮށް މީހުން ހިނގާ މަގު މައްޗަށް އޮހުނު އެއޮށްތައް ހިނގާ މީހުންގެ ފައިން އެރި ހަލާކުވެ އަދި ދޫނިތައް ކެއުމުގެ ސަބަބުން ނެތި ހިނގައްޖެ އަނެއްބައި އޮށް ހިލަބިމެއްގެ މައްޗަށް އޮހުނު މިއޮށްތަކުން ގަސް ފެޅި ނަމަވެސް ބިމުގެ ހަނަފަސްކަމުން ގަސްތައް ހިކި މަރު ވި އަނެއް ބައި އޮށް ކަށިގަސްތަކެއްގެ ތެރެއަށް އޮހުނު މިއޮށްތަކުން ވެސް ގަސް ފެޅި ނަމަވެސް އެގަސްތަކާއި އެކު ހެދުނު ކަށިގަސްތައް މިގަސްތަކަށް ވުރެ ގަދައަށް ހެދުމުގެ ސަބަބުން މިއޮށްތަކުން ފެޅި ގަސްތައް ހެދުމަކަށް ތަނެއް ނުދިން އަދި އޭގެތެރެއިން ބައެއް އޮށް ގޮވާން ހެއްދުމަށް ރަގަނޅު ބިމުގެ މައްޗަށް އޮހުނު އަދި މިއޮށްތަކުން ފެޅި ގަސްތަކުން ސަތޭކަ ގުނައަށް އިތުރު ރަނގަޅު އޮށް ލިބުނު

އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ ފަހެ ތިޔަބައިމީހުންގެ ތެރެއިން ކަންފަތް ހުރި މީހުން މިވާހަކަ އަހާ ވިސްނާ

އީސާގެފާނުގެ އަސްހާބީން އެކަލޭގެފާނު ކުރެން ސުވާލު ކުރިއެވެ ތިޔަ ވިދާޅުވެދެއްވި ވާހަކައިގެ މާނައަކީ ކޮބާ ތޯ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ތިޔަބައިމީހުންނަށް ހާމަ ކުރައްވައިފި އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަ ފުން ވާހަކަތަކުން އެއީ ލިޔެވިގެންވާ ފަދައިން އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ

އަހަރެން ދެންމެ މިކިޔާދިން ވާހަކައިގެ މާނަ މިބުނެދެނީ މިއޮށްތަކަކީ މާތްރަސްކަލާނގެ އެންގެވި އެކަލާނގެ ބަސްފުޅުތައް ހިނގާ މަގު މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވުނު ނަމަވެސް އިބިލީސް އެބައިމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅުތައް އަތުލުމުން އެމީހުން އެބަސްފުޅުތައް ޤަބޫލު ނުކުރުމުގެ ސަބަބުން ދިންނެވުން ނުލިބޭ މީހުންގެ މިސާލު ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ޤަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކާ މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު ކަށިގަސްތަކުގެ ތެރެއަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވި ނަމަވެސް އެބައިމީހުންގެ އަމިއްލަ ކަންތައްތަކާއި މުދަލާއި ފައިސާއާއި އަދި ދުނިޔެވީ އެދުންތަކުގެ ސަބަބުން އެބައިމީހުންގެ ހިތުގައި މާތްރަސްކަލާނގެ ބަސްފުޅުތަކަށް ތަނެއް ނުދޭ ރޫހާނީ ގޮތުން ފުރިހަމަޔަށް ބޮޑު ނުވާ މީހުންގެ މިސާލު ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް

އީސާގެފާނުގެ ބަސްފުޅުތައް އަޑުއަހާ އެއަށް ސަމާލުކަންދީ

އީސާގެފާނު އެތާގައި ވީ މީސްތަކުންނަށް މިފަދައިން ވެސް ވިދާޅުވިއެވެ އެކަކުވެސް އެނދު ތަންދޮށަށް ލާ ފޮރުވުމަށް ނުވަތަ ބޯތައްޓެގެ ދަށަށް ލާ ފޮރުވުމަށްޓަކާ ބައްތިއެއް ނުދިއްލާނެ އޭގެ ބަދަލުގައި މީހަކު ބައްތިއެއް ދިއްލާފިނަމަ އެ ގެންގޮސް ގޭގެ ކުރިމަތީގައިވާ ބައްތި އަޅުވާ ނަރުގަނޑުގައި އަޅުވާނެ އޭރުން އެގެއަށް އަންނަ ބަޔަކަށް އޭގެ އަލިކަން ލިބޭނެ ސިއްރުން ކުރެވިފައިވާ ހުރިހާ ކަމެއް ފާޅުވާނެ އަދި ފޮރުވުމަށް މަސައްކަތް ކުރެވިފައިވާ ހުރިހާ ކަމެއް ހާމަވެ ފެންނާނެ އެހެންވީމާ އަހަރެން ބުނަން ކަލޭމެން މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއަހާ އުޅޭ ގޮތާ މެދު ފަރުވާތެރިކަމާއި އެކު ވިސްނާ ދެއްވިފައިވާ މީހުންނަށް އިތުރަށް ވެސް ދެއްވާނެ އަދި މަދުން ލިބިފައިވާ މީހުން އަތުން އެމީހުން އަތުގައި ވީ ކަމަށް އެމީހުން ހީކުރި އެއްޗެތިވެސް އަތުލެވޭނެ

އީސާގެފާނުގެ ގާތް ތިމާގެ މީހުންނަކީ ކޮބާ

އެވަގުތު އީސާގެފާނުގެ މަންމާފުޅާއި ކޮއްކޯފުޅުން އެކަލޭގެފާނާއި ބައްދަލުކުރެއްވުމަށް އެތަނަށް ވަޑައިގެންނެވިއެވެ އެތަނަށް އެއްވެފައިވާ މީސްތަކުންގެ ސަބަބުން އެމީހުންނަކަށް އީސާގެފާނުގެ އަރިހަށް ދެވޭ ގޮތެއް ނުވިއެވެ އެތަނަށް އެއްވެފައި ވީ މީސްތަކުންގެ ތެރެއިން ވަރަށް ފަހަތުގައި ވީ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ ކަލޭގެފާނުގެ މަންމާފުޅާއި ހުރިހާ ކޮއްކޯފުޅުން ކަލޭގެފާނާއި ބައްދަލު ކުރުމަށްޓަކާ ވަޑައިގެން އެބަ ތިއްބެވި

އެކަލޭގެފާނު ވިދާޅުވިއެވެ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް އަމަލު ކުރާ އެންމެންނަކީ އަހަރެންގެ މަންމައާއި ކޮއްކޮއިން

އީސާގެފާނު ގަދަ ކޮޅިގަނޑަކަށް މަޑުވުމަށް އަމުރު ކުރެއްވުން

އެހެން ދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ އަސްހާބީންނަށް ވިދާޅުވިއެވެ ގަލީލީ ކަނޑުގެ އަނެއް ފަރާތަށް ދަމާ ހިނގާ ދެން އީސާގެފާނު ދޯންޏެއްގައި އެކަލޭގެފާނުގެ އަސްހާބީންނާއި އެކު ފުރާވަޑައިގަތެވެ ދަތުރު ކުރަމުން ދަނިކޮށް އީސާގެފާނަށް ނިދި ކުރެއްވިއްޖެއެވެ ކުއްލިއަކަށް ވަރަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވިއެވެ ދޯނި ދިޔަބޮޑުވެ ގެނބެން ކައިރިވިއެވެ މިހާދީސާގެ ސަބަބުން އެބައިމީހުން ވަރަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިއްޖެއެވެ އަސްހާބީން އީސާގެފާނަށް ގޮވައި ހޭފުޅުލައްވައި އެކަލޭގެފާނަށް ދެންނެވި އެވެ ސާހިބާ ސާހިބާ އަޅުގަނޑުމެން ގެނބި މިމަރުވަނީ

އީސާގެފާނު ތެދުވެ ވަޑައިގެން ޖެހެމުންދިޔަ ގަދަ ވަޔަށާއި ބޮޑެތި ބިޔަ ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވި އެވެ ހަމަ އެވަގުތު ވައިގަނޑު މަޑުވެ ރާޅުތައް ހިނދި ކަނޑު އިހު އޮތް ފަދައިން މަޑުވެއްޖެއެވެ އެވަގުތު އީސާގެފާނު އަސްހާބީންނަށް ވިދާޅުވިއެވެ ފަހެ ތިޔަބައިމީހުންގެ އީމާންކަން ކޮބާ

އަސްހާބީން މިވެދިޔަ ކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ބިރުގަތެވެ އަދި އެކަކު އަނެކަކަށް ބުންޏެވެ މިއީ ކޮންފަދަ އިންސާނެއް ބާ އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ

ޖިންނި އަވަލާފައިވާ މީހެއް

އެއަށްފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްހާބީން ގަލީލީ ކަނޑު ހުރަސްކުރައްވާ ދަތުރުކުރައްވާ ވަޑައިގެން ގެރާސާގެ ސަރަހައްދަށް ވަޑައިގަތެވެ

މިރަށަކީ ގަލީލީ ސަރަހައްދުގެ

އަނެއްފަރާތުގައި ވާ ރަށެކެވެ އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ މިނުބައި ޖިންނިތަކުގެ ބާރުގެ ދަށުގައި އެމީހާ ވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ މީހުން އޭނާ ހިފަހަށްޓައިގެން ގެންގުޅުމަށް ވަނީ އެތައް މަސައްކަތެއް ވެސް ކޮށްފައެވެ އޭނާގެ އަތާއި ފައިގައި ހިލިހިލާވެސް ޖެހިއެވެ ނަމަވެސް އެޖިންނިންގެ ބާރުން އޭނާ އެހުރިހާ ހިލިހިލާތައް ވެސް ކަނޑާ ހަލާކުކޮށްލައެވެ ދެން އަނެއްކާ ވެސް އެޖިންނިތައް އޭނާ މީހުން ނޫޅޭ ހިސާބުގަނޑަށް ދިއުމަށް މަޖުބޫރުކޮށް ފޮނުވާލައެވެ އީސާގެފާނު އެޖިންނިތަކަށް އޭނާ ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ އޭނާއަށް އީސާގެފާނު ފެންނަ އިރަށް ހަޅޭއްލަވަމުން އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓުނެވެ ދެން އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ބުންޏެވެ އެންމެމަތިވެރިކަލާނގެ ދަރިކަލުން އީސާގެފާނު ކަލޭގެފާނު އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް އަހަރެން އާދޭސްކޮށްފަބުނަން އަހަންނަށް އަނިޔާ އެއް ނުދޭތި

ދެން އީސާގެފާނު އޭނާ ކުރެން ސުވާލު ކުރިއެވެ ކަލޭގެ ނަމަކީ ކޮބާ

އަހަރެންގެ ނަމަކީ ލަޝްކަރު އެޖިންނިތައް މިފަދައިން ޖަވާބުދިނީ އެއީ އެޖިންނިތަކަކީ އެތައް ބައިވަރު ޖިންނިތަކަކަށް ވީތީއެވެ އަދި މިޖިންނިތައް އެތައް ފަހަރެއްގެ މަތިން އީސާގެފާނަށް އާދޭސްކޮށް އަޑިއެއް ނެތް ކަޅުއަނދިރި ވަޅަށް ފޮނުވާނުލެއްވުމަށް އެކަލޭގެފާނުގެ ކިބަފުޅުން އެދުނެވެ

ފަރުބަދަމަތީ ހިސާބުގައި ހުއިހެއްޕުމަށް ގެނެވިފައި ވީ އޫރުތަކުގެ ބޮޑުބައިގަނޑެއް އެތާގެ ކައިރީގައި ވިއެވެ މިޖިންނިތައް އީސާގެފާނަށް އާދޭސްކުރިއެވެ އަހަރުމެން މިއޫރުގެ ބައިގަނޑުގެ ތެރެއަށް ފޮނުވާލަދީ އަހަރުމެން އެއެއްޗެތީގެ ތެރެއަށް ވަނުމުގެ ހުއްދަ ދެއްވާ އީސާގެފާނު އޭޗިއްސަށް ހުއްދަ ދެއްވުމުން މިޖިންނިތައް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެގެން ގޮސް މިއޫރުތަކުގެ ތެރެއަށް ވަދެއްޖެއެވެ ހަމަވަގުތުން މިއޫރުގެ ބައިގަނޑު އުސްބިމުގެ މަތިން ތިރިއަށް ދުވެފައި ގޮސް ކޯރުގެ ތެރެއަށް ވެއްޓި ގެނބި މަރުވެއްޖެއެވެ

މިއޫރުތައް ބަލަހައްޓަން ތިބި މީހުން މިތަންދެކެ އަވަސްއަވަހަށް ރަށުތެރެއަށް ގޮސް މިޚަބަރު ދިނުމުން މީހުންގަނޑު މިވާ ގޮތެއް ބަލަން އެތަނަށް އައެވެ އެމީހުން އީސާގެފާނުގެ އަރިހަށް އައިއިރު އެތައް ބައިވަރު ޖިންނިއެއްގެ ސަބަބުން ޖިންނި މޮޔަވެފައި ވީ މީހާ ގައިގައި އަންނައުނު ލައިގެން ބުއްދި ހަމަކަންމަތީ އެތާ އިންތަން ދެކެ މިބައިމީހުން ބިރުގަތެވެ މިކަންތައްތައް ލޮލުން ދުށް މީހުން ޖިންނި މޮޔަވެފައި ވީ މީހާއާ ދޭތެރޭ ކަންތައް ވީގޮތް އެބައިމީހުންނަށް ބުނެދިނެވެ

ދެން މިބައިމީހުން ބިރުން އީސާގެފާނަށް އާދޭސްކޮށް ދެންނެވީ އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށެވެ އީސާގެފާނު އެތަނުން ވަޑައިގަތުމަށްޓަކާ ދޯންޏަށް އަރައިވަޑައިގަންނަވަނިކޮށް ޖިންނިތަކުގެ ބާރުގެ ދަށުން ސަލާމަތް ކުރެވުނު މީހާ އެކަލޭގެފާނާއިއެކު ދިއުމަށް އެދި އާދޭސް ކުރިއެވެ ނަމަވެސް އީސާގެފާނު މިކަމާމެދު އިންކާރު ކުރައްވާ ވިދާޅުވިއެވެ ކަލޭގެ އާއިލާގެ ކައިރިއަށް ގޮސް މާތްރަސްކަލާނގެ ކަލެއާ މެދު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަ އެބައިމީހުންނަށް ކިޔާދީ

ދެން މިމީހާ އެނބުރިގޮސް މުޅި ހިސާބުގަނޑުގެ ރަށްތަކުގެ ތެރޭގައި އީސާގެފާނު އޭނާއާ ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަތައް ކިޔާހެދިއެވެ އީސާގެފާނު ދޯންޏަށް އަރާވަޑައިގެން އެރަށުން ފުރާވަޑައިގެންނެވި އެވެ

މަރުވެފައިވާ ކުއްޖަކާއި ބަލި އަންހެނަކު

އީސާގެފާނު އެނބުރި ގަލީލީއަށް ވަޑައިގެންނެވިއިރު މީސްތަކުންގެ ބޮޑުބައިގަނޑެއް އެކަލޭގެފާނާއި ބައްދަލުވުމަށް އެތަނަށް އައިސް ތިއްބެވެ މިބައިމީހުން އެކަލޭގެފާނަށް މަރުޙަބާ ކިޔެވެ ދެން އެމީހުންގެ ތެރެއިން ޖައިރުސްއޭ ކިޔުނު ދީނީމަރުކަޒުގެ ވެރިޔަކު އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އޭނާޔާއިއެކު އޭނާގެ ގެއަށް ވަޑައިގަތުމަށް އެދި އާދޭސް ދެންނެވިއެވެ އެއީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭރު ވަނީ މަރަށް ހާޒިރުވެފައެވެ އެކުއްޖާއަކީ އުމުރުން ގާތްގަނޑަކަށް ބާރަ އަހަރުގެ ކުއްޖެކެވެ

އީސާގެފާނު މިމީހާއާއިއެކު ވަޑައިގަންނަވަނިކޮށް އެއްވެފައި ވީ މީސްތަކުންގެ ގިނަކަމުން ފިތި ބާރުވީ ވަރުން އެކަލޭގެފާނަށް ހިނގައި ވަޑައިގަތުމަށް ވެސް ދަތިފުޅުވެ ވަޑައިގެންނެވިއެވެ އެމީސްތަކުންގެ ތެރޭގައި މެދު ކެނޑުމ